ޚަބަރު

ތަސްލީމް ގެއްލުނުތާ 5 ދުވަސް, އަދިވެސް ނުފެނޭ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ގެއްލިގެން ހޯދަމުންދާ ތަސްލީމް

މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް މިދިޔަ ހުކުރު ދުވަހު ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު (43އ) އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން އޮންލައިން" އަށް މިއަދު ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.

ތަސްލީމު ގެއްލުނު މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާއިރު ރައްޓެހިންތަކަކާއެކު ދަތުރު ދިޔަ ތަސްލީމު އެންމެ ފަހުން ފެނިފައި ވަނީ ހުކުރު ދުވަހު ހެނދުނު 10 ޖެހުމާއި 11 ޖެހުމާ ދެމެދު ވަގުތެއްގައި ފިނޮޅުން ކަމަށް އޭނާއާ އެކު ދަތުރުދިޔަ މީހުން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

ތަސްލީމު ހޯދަން ފިނޮޅު ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެންނާއި 3000 އަކަ ފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ސިފައިން ވަނީ ބަލާފަ އެވެ.

އެކަމަކު އެ މީހާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އާއި މެރިޓައިމް ސާޗް އެންޑް ރެސްކިއުން އިން ކޭސް އެއް ގޮތުގައި ރަޖިސްޓްރީކޮށްފައި ނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން މިހާރު ލީޑުކުރަމުން ދަނީ ފުލުހުންނެވެ.

ތަސްލީމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފިނޮޅަށް ދަތުރު ބަޔަކު ގޮސްފައިވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9794639 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!