ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ ދަތުރުފުޅު ކުރައްވަން އެންމެ ރަނގަޅު ތާރީހަކާ ގުޅޭގޮތުން ރާއްޖެ އާއި އިންޑިއާ އެކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ދައުލަތުގެ އެންމެ އިސްވެރިން އެގޮތަށް ކުރައްވާ ދަތުރުފުޅުތައް ކުރައްވަމުން ގެންދަވަނީ އެ ގައުމަކަށް ވެސް ނުވަތަ ދެ ގައުމަކަށް ވެސް އިސްވެރިންނަށް އެންމެ ފަސޭހަފުޅު ވަގުތުތަކުގައި،" ހީނާ ވިދާޅުވި އެވެ.
މިދިޔަ ރިޔާސީ ދައުރުގައި، މިހާރު ސަރުކާރު ހިންގާ ޕީއެންސީން ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިގެން އިންޑިއާ އާ ރާއްޖޭގެ ގުޅުން ހީނަރުވި އެވެ. އެހެން ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް މުއިއްޒު ގެންދަވަނީ އެ ގުޅުން ވަރުގަދަ ކުރައްވަމުންނެވެ.
މޯދީ ބޮޑުވަޒީރުގެ ތިން ވަނަ ދައުރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދާދި ފަހުން އެ ގައުމުގެ ފޮރިން އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވަނީ ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ.
އެ ދަތުރުގައި ޖައިޝަންކަރު އާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިންޑިއާ އާއެކު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކަމޭހިތުމުގެ މައްޗަށް ބިނާވެފައި އޮތް ބަދަހިވަމުންދާ އެކުވެރި ގުޅުމެއް ކަމަށެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދުގައި އޮތް ތާރީހީ ގުޅުން އިތުރަށް ބަދަހިކޮށް، އާ އުސްމިންތަކަކަށް ވާސިލުވުމަށްޓަކައި، މި ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރާއްޖޭގެ ފޮރެކްސް ރިޒާވް އިތުރު ކުރުމަށް އިންޑިއާގެ ރިޒާވް ބޭންކާ އެކު ކަރަންސީ ސްވަޕެއް ކުރަން މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މިފަހުން އެމްއެމްއޭއިން ވަނީ ހާމަކޮށްފަ އެވެ. އޭގެ އިތުރުން އެސްބީއައިއިން ނަގާފައިވާ ޓީ-ބިލެއް އިންޑިއާއިން ވަނީ އިންޓްރެސްޓް ނަރާ ގޮތަށް ފަސްކޮށްދީފަ އެވެ.