ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރަން ފަށައިފި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އާންމު ރައްކާތެރި ކަމަށް ބެލުމެއް ނެތި ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފި އެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ މި އޮޕަރޭޝަނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އިރުޝާދުގެ ދަށުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
އެގޮތުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާ މިފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަަން ބަލައި ފާސްކުރުމުގެ މަސައްކަތް މި އޮޕަރޭޝަނުގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ.
ވަކި ތަންތަނަށް ހާއްސަކޮށްގެން ފަށާފައިވާ މި އޮޕަރޭޝަނުގައި މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
"މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާންމު ރައްކާތެރި ކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ގަވާއިދާ ހިލާފަށް، އުޅޭ ބިދޭސީންނަށް މިފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ އެވެ،" އިމިގްރޭޝަނުން ބުނެފައިވެ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ރާއްޖޭގައި ހުރުމުގެ ހުއްދަ ނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި އާންމު ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުރުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނީ އިމިގްރޭޝަނުގެ ގާނޫނުގެ ދަށުން ކަމުގަ އެވެ.
އިތުރަށް ބުނީ މި އޮޕަރޭޝަނުގައި މާލެ ސަރަހައްދުގައި ހިމެނޭ މިފަދަ ހުރިހާ ބިދޭސީން އުޅޭ އެކޮމޮޑޭޝަންތައް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. ބޭނުމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި މިފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކުން އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށެވެ.