ޚަބަރު އިޖުތިމާޢީ

އަރަފާތު ފޮނުވާލާނީ ފުލުހުންގެ ތަހުގީގު ނިމުމުން: އިމިގްރޭޝަން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ބުޅާ މަރައި އޭގެ މަސް ކެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަރަފާތު

މާލޭގައި ބުޅާތަކެއް މަރައި، އޭގެ މަހުން ކާ އެއްޗެހި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ އަރަފާތު ހޮސެއިން ފުރުވާލެވޭނީ އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވޭތޯ ބެލުމަށް ފަހު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

Ads by MWSC

ގ. ރަނައުރާގެއާގޭގެ 8 ފޫޓާއި 10 ފޫޓުގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭ އަރަފާތު ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ބުނާ މައްސަލަ އިދާރާތުގެ ސަމާލުކަމަށް އެންމެ ފުރަތަނަ ގެނައީ ފެލިން ވެލްފެއާ އޯގަނައިޒޭޝަން ކިޔާ އެންޖީއޯ އަކުންނެވެ.

ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ހެދި ކަމަށް ބުނާ މައްސަލަ ފެންމަތިވެ، ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަރަފާތު (32އ) ހޯދައި، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފިލަންވެގެން ސިފަ ބަދަލުކުރަން ސެލޫނެއްގައި ހުއްޓަ އެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަނުގެ މީޑިއާ އޮފިޝަލް އަބްދުﷲ ވިޝާމް އިއްޔެ ވިދާޅުވީ އަރާފާތާ މެދު ނިންމާނެ ގޮތެއް އެނގޭނީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގު ނިމުމުން ކަމަށެވެ.

"ބުޅާ މަހުން ކާތަކެތި ހެދި ކަމަށް ޝައްކުވާ އަރަފާތު ފުރުވާލެވޭނީ އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވޭތޯ ބެލުމަށް ފުލުހުން ކުރިއަށްގެންދާ ތަހުގީގު ނިމުމުން،" ވިޝާމް ވިދާޅުވި އެވެ.

ވިދާޅުވީ އަރަފާތަކީ ޖިނާއީ ކުށަަކަށް ތުހުމަތުވާ މީހަކަށް ވާތީ އޭނާ ފުރުވާލެވޭނީ މައްސަލައިގެ ތަހުގީގު ނިމުމުން ކަމަށެވެ.

އެ މައްސަލަ އާ ގުޅިގެން މީގެކުރިން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ އަރަފާތު ދިރިއުޅޭ ގޭގައި ބުޅާ ގެންގުޅޭ ކަމަށް ޝައްކުކުރެވޭ ކަމަށް ބުނެ މައްސަލަތަކެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ. އެހެންނަމަވެސް ބުޅާ މަސް ބޭނުންކޮށްގެން ކާއެއްޗެހި ތައްޔާރުކުރާ މައްސަލައެއް އަދި މިހާތަނަށް އެ އިދާރާއަށް ހުށަހެޅިފައިނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެފައިވާ ގޮތުގައި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާއިރު އެކަމާ ގުޅިގެން އަދި އެއްވެސް މައްސަލައެއް ހެލްތް މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އާންމު ރައްކާތެރި ކަމަށް ބެލުމެއް ނެތި ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފަ އެވެ. މި އޮޕަރޭޝަނުގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާ މިފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރާނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!