ޚަބަރު ވިޔަފާރި

މިދިޔަ މަހު މީރާއަށް 1.9 ބިލިއަން، އަންދާޒާކުރި ވަރަށް ވުރެ 34 އިންސައްތަ އިތުރު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މިދިޔަ މަހު އެ އޮތޯރިޓީއަށް 1.9 ބިލިއަން ރުފިޔާ ލިބުނު ކަމަށާއި މިއީ ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ 34 އިންސައްތަ އިތުރު އަދަދެއް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

Ads by Sosun Fihaara

މީރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހު އެ އިދާރާއަށް 1.98 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މަހު ލިބުނު އާމްދަނީއަށް ވުރެ 24 އިންސައްތަ އިތުރު އަދަދެކެވެ. އަދި އޮގަސްޓް މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 34.5 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ ފަރުދުން-ނޫން ފަރާތްތަކުން ނަގާ ޓެކުހާއި ކުންފުނިތަކުގެ އާމްދަނީން ނަގާ ޓެކުހާއި ޖީއެސްޓީ އަދި ގްރީން ޓެކުހުގެ އާމްދަނީ އިތުރުވުމުންނެވެ. މީރާއަށް ބަލައިގަނެފައިވާ ޖުމްލަ އާމްދަނީ އިތުރުވެފައި ވަނީ އޮގަސްޓް މަހު ލިބިފައިވާ ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކުހާއި ސުންގަޑީގެ ފަހުން ބަލައިގަނެފައިވާ ވިޔަފާރިތަކާއި ފަރުދުން-ނޫން ފަރާތްތަކުން ލިބޭ އާމްދަނީން ނަގާ ޓެކުހުގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން މިދިޔަ މަހު ލިބިފައިވާ ޓެކުހުގެ އާމްދަނީ އިތުރުވީ މިދިޔަ އަހަރުގެ އެ މަހާ އަޅާބަލާއިރު މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15 އިންސައްތައިން އިތުރުވެފައިވާތީ އެވެ.

އޮގަސްޓް މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކުހުގެ ފައިސާ އާއި ކުންފުނިތަކާއި ފަރުދުން ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ފާއިތުވެފައިވާ ސުންގަޑިތަކަށް ފައިސާ ބަލައިގަނެފައިވުން ހިމެނޭ ކަމަށް މީރާއިން ބުނެ އެވެ. އަދި އަންދާޒާކުރި ވަރަށް ވުރެ ޖުލައި މަހު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 9.3 އިންސައްތަ އިތުރުވުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ އާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާ ކަމަށެވެ.

  • ޖީއެސްޓީ: 1.06 ބިލިއަން ރުފިޔާ (53.3 އިންސައްތަ)
  • އާމްދަނީން ނަގާ ޓެކްސް: 472.6 މިލިއަން ރުފިޔާ (23.9 އިންސައްތަ)
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 90.8 މިލިއަން ރުފިޔާ (4.6 އިންސައްތަ)
  • ޑިޕާޗާ ޓެކްސް: 89.1 މިލިއަން ރުފިޔާ (4.5 އިންސައްތަ)
  • ގްރީން ޓެކްސް: 87.1 މިލިއަން ރުފިޔާ (4.4 އިންސައްތަ)
  • އެހެނިހެން ޓެކުހާއި ފީ: 183.2 މިލިއަން ރުފިޔާ (9.3 އިންސައްތަ)

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 62.8 މިލިއަން ޑޮލަރު ހިމެނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!