ރިޕޯޓް މީހުން

އިންޑިއާގެ އެންމެ ހަގު ޕައިލެޓް ،އައިޝާ: ފްލައިޓު ދުއްވުމުގެ ލައިސެންސް ނެގީ އުމުރުން އެންމެ 16 އަހަރުގައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކުޑަކުދިންގެ ގޮތުގައި އަޅުގަނޑުމެން އެންމެންނަށް ވެސް ކަމުދިޔަ އަދި އަޅުގަނޑުމެން އެންމެން ވެސް ގެންގުޅޭ ހިތްވި އެކައްޗަކީ މަތިންދާ ބޯޓެވެ. މަތިންދާ ބޯޓެއްގެ އަޑު އިވުނު ނަމަވެސް އެ މަތިންދާ ބޯޓު ފެނޭތޯ އަޅުގަނޑުމެން މަސައްކަތް ކުރީމުއެވެ. މަތިން ދާބޯޓެއް ގެންގުޅުމަކީ ކޮންމެ ކުޑަކުއްޖަކު ވެސް ދެކޭ ހުވަފެނެކެވެ.

Ads by STELCO

މި ނިމުނީއެއް ނޫނެވެ. މިއަދުވެސް އަޅުގަނޑުމެން ގޮސް ހެދިބޮޑުވަމުން އަންނަ ސުކޫލް ކުދިންނާ ސުވާލު ކޮށްލަމާ ހިނގާށެވެ. މުސްތަގުބަލުގައި ދާން ބޭނުންވަނީ ކޮން ވަޒީފާއަކަށް ތޯ ސުވާލު ކޮށްލަމާ ހިނގާށެވެ. ވަރަށް ގިނަ ކުދިންގެ ޖަވާބަކަށް ވާނީ "ޕައިލެޓް" އަކަށްވުން ކަން ގައިމެވެ.

ޕައިލެޓަކަށް ވުމަށް ތައުލީމް ހާސިލު ކުރުމަކީ ވަަރަށް ގިނަ ފައިސާ ހޭދަވާ ކަމެކެވެ. އަދި އެހެން ވެސް ގޮންޖެހުން ތަކާ ކުރިމަތިވާ ކަމެކެވެ. ނަމަވެސް އެ ގޮންޖެހުންތައް ހުރެމެ އިންޑިއާގެ މި އަންހެން ކުއްޖާ ޕައިލެޓަކަށްވީ އުމުރުން އެންމެ 16 އަހަރުގައެވެ. މިއީ އުމުރުން އެންމެ 16 އަހަރުގައި ޕައިލެޓް ލައިސެންސް ހާސިލު ކުރި އައިޝާ އަޒީޒްގެ ވާހަކައެވެ.

"އުދުހުމަށް" ހިތުގައި ލޯބި އުފެދުން

އައިޝާ އަކީ އިންޑިއާގެ ކަޝްމީރަށް އުފަން ކުއްޖެކެވެ. އަދި ދިިރިއުޅުމުގެ ވަކި ހިސާބަކުން އައިޝާ ދިރިއުޅުން ބަދަލުކުރީ މުމްބާއި އަށެވެ. އޭނާގެ މަންމަ އަކީ ޖަންމު އަދި ކަޝްމީރުގެ ސަރަހައްދެއް ކަމަށްވާ ބަރަމުއްލާގެ މީހެކެވެ. މުމްބާއި އަށް ބަދަލުވުމަށްފަހު ވެސް އައިޝާ އަބަދުވެސް އޭނާގެ މަންމައާއި އެކު ކަޝްމީރަށް ދަތުރުތައް ކުރެއެވެ. އެ ދަތުރުތަކުގެ ތެރޭގައި ޕައިލެޓުން ފެނި، ޕައިލެޓަކަށް ވުމުގެ ޝައުގު ހިތުގައި އުފެދުނު ކަމުގައި "ޓައިމްސް އޮފް އިންޑިއާ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އައިޝާ ބުންޏެވެ. އަދި ބޮޑުވަމުން އައި އިރު އަބަަދުވެސް ބޭނުންވީ ޕައިލެޓަކަށް ވުމަށް ކަމަށާއި ނަސީބު ކަންދިމާކުރި ގޮތުން ބޮމްބޭ ފްލައިން ކުލަބަށް ކިޔަވަން ދެވުނު ކަމަށް އޭނާ ބުންޏެވެ.

އެންމެ ބޮޑު ހިތްވަރަކީ ބައްޕަ

އައިޝާގެ ބައްޕަ އަބްދުލްއަޒީޒް އަކީ މުމްބާއިގައި އަމިއްލަ ވިޔަފާރި ކުރަމުންދާ ވިޔަފާރިވެރިއެކެވެ. އައިޝާ ކުރިއަށް ދިއުމުގައި އަބްދުލްއަޒީޒް އަބަދުވެސް ވަނީ ވަރަށް ބޮޑަށް އެހީތެރިވެދީފައެވެ. އަބަދުވެސް ދަރިފުޅަށް ދިރިއުޅުމުގައި ހަރުފަތްތައް ގިރާކޮށް މައްޗަށް ދިއުމުގައި ހިތްވަރުދީފައެވެ. "ޓައިމްސް އޮފް އިންޑިއާ" އަށް ދިން ހާއްސަ އިންޓަވިއު އެއްގައި އަބްދުލްއަޒީޒް ބުނީ އޭނާ ގަބޫލު ކުރާ އިންސާނަކު އިންސާނަކަށް ވުމަށްޓަކައި އަބަދުވެސް އިލްމު އުނގެނި އައު ކަންތައްތައް ދަސްކޮށްކޮށް ހުންނަން ޖެހޭ ކަމަށެވެ. އަދި އޭނާގެ ދަރިއަކު ހަގީގަތަކަށް ހެދޭފަދަ ހުވަފެނެއް ދެކޭ ނަމަ އެ ހުވަފެނެއް ހަގީގަތަކަށް ހަދައިދިނުމުގައި އޭނާ ބައިވެރިވާނެ ކަމުގައިވެސް އަބްދުލްއަޒީޒް ފާހަގަ ކުރިއެވެ.

ޕައިލެޓްކަމުގެ ލައިސެންސް ލިބުން

އައިޝާއަށް ޕައިލެޓްކަމުގެ ލައިސެންސް ލިބުނީ އުމުރުން އެންމެ 16 އަހަރުގައެވެ. އެއީ މީގެ 9 އަހަރު ކުރިއެވެ. 2011 ވަނަ އަހަރުއެވެ. އޭނާ އަކީ އިންޑިއާގައި ޕައިލެޓްކަމުގެ ލައިސެންސް ހޯދި އެންމެ ހަގު ކުއްޖާއެެވެ. އައިޝާ ޕައިލެޓްކަމުގެ ލައިސެންސް ހޯދީ ބޮމްބޭ ފްލައިންގް ސުކޫލުންނެވެ. އަދި 2016 ވަނަ އަހަރު އޭވިއޭޝަން ނިންމުމަށްފަހު 2017 ވަނަ އަހަރު އޭނާގެ ކޮމާޝަލް ލައިސެންސް އައިޝާއަށް ލިބުނެވެ. އައިޝާ ވަނީ ފުރަތަމަ ފަހަރަށް އޭނާގެ މައިންބަފައިން ގޮވައިގެން ކުރެވުނު ދަތުރުގެ ތަޖުރިބާ ހިއްސާ ކޮށްފައެވެ. އެއީ އޭނާގެ ދިރިއުޅުމުގައި އެންމެ އުފާވި ދުވަސްކަމުގައި އޭނާ ފާހަގަ ކުރެއެވެ. އަދި އެދުވަހު އޭނާގެ އަމިއްލަ ފައިމައްޗަށް އޭނާއަށް ތެދުވެވިފައިވާ ކަމުގެ އިހްސާސް ކުރެވުނު ކަމުގައި އައިޝާ ބުންޏެވެ.

އެއަށްފަހު ވެސް ކުރިއެރުމަށް ދިޔައީ މަސައްކަތް ކުރަމުން

ޕައިލެޓްކަން ކިޔަވަން އުޅުމުގެ ތެރޭގައި ނާސާއިން އެސްޓްރްނޯޓް ޓްރެއިނިންގް އަކަށް ދިއުމުގެ ފުރުސަތު އައިޝާއަށް ލިބިގެން ދިޔައެވެ. އަދި ލެޖެންޑަރީ އެސްޓްރޯޓުން ކަމަށްވާ ސުނީތާ ވިލިއަމްސް އަދި ޖޮން އޭ އެމްސީބްރައިޑްއާއި ވެސް އައިޝާއާއި ބައްދަލު ވެގެން ދިޔައެވެ.

ނާސާގެ ޓްރެއިނިންގައި ބައިވެރިވުމަށް އައިޝާ ދިޔައެވެ. މި ޓްރެއިނިންގައި އައިޝާއަށް ސްޕޭސް ކްރާފްޓް ދުއްވާނެ ގޮތްވެސް ދަސްވެގެން ދިޔަކަން އައިޝާ ފާހަގަ ކުރެއެވެ. އެގޮތުން އައިޝާ 2012 ވަނަ އަހަރު ވަނީ ރަޝިއާގެ ސޮކުލް އެއާރބޭސްގެ ޖެޓެއް ކަމަށްވާ މިގް-19 ވެސް ދުއްވާފައެވެ.

މިއަދުގެ ޒުވާނުންނަށް ނަމޫނާއެއް

އައިޝާއަކީ މިއަދު "އިންޑިއަން ވޮމެން ޕައިލެޓް އެސޯސިއޭޝަން"ގެ ފަޚުރުވެރި މެންބަރެކެވެ. އައިޝާއަކީ ކެސްނާ 152 އަދި ކެސްނާ 172 އެއާރކްރާފްޓް ވެސް ދުއްވުމުގެ ކުޅަދާނަކަން ލިބިގެންވާ ޕައިލެޓެކެވެ. އަދި ހަމަ އެހެންމެ އެއާރބަސް A320 ދުއްވުމުގެ ހުއްދަވެސް މިހާރު އައިޝާއަށް ވަނީ ލިބިފައެވެ.

އަދި ހަމައެހެންމެ އިންޑިއާގައި ދޭ ލަގަބެއްގައިމުގައިވާ "ފަސްޓް ލޭޑީ" ޓައިޓަލް އޭނާއަށް ވަނީ 2018 ވަނަ އަހަރު ލިބިފައެވެ. އެހެން ކަމުން މިއަދު އޭނާއަކީ އިންޑިއާގެ ޒުވާނުންނަށް އަދި ސުކޫލު ދަރިވަރުންނަށް ވެސް ނަމޫނާއެކެވެ. އިންޑިއާގެ ސުކޫލުތަކުގައި އަދި ތައުލީމީ އެހެންވެސް އިންސްޓިޓިއުޓް ތަކުގައި ޓީޗަރުން އައިޝާގެ ނަން ފާހަގަ ކުރަނީ ނަމޫނާއަކަށް ބަލާނޭ މީހެއްގެ ގޮތުގައެވެ.

އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައިވެސް ޕައިލެޓަކަށް ވުމަށް ބޭނުންވާ އެތައް ކުދިންނެއް އެބައުޅެއެވެ. އެހެން ގައުމެއްގެ މީހެއް ނަމަވެސް އައިޝާއަކީ ނަމޫނާއެއްގެ ގޮތުގައި ބެލުމަށް އެކުދިންނަށް ރަނގަޅު ޒުވާނެއްކަން ޔަގީނެވެ.

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!