ވައިގެ މަގުން ރާއްޖެ އެތެރުކުރަން އުޅުނު ނުވަ ކިލޯއަށް ވުރެ ގިނަ ޑްރަގު އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރުކުރަން އުޅުނު ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފި އެވެ.
ކަސްޓަމުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ތިން ފަހަރެއްގެ މަތިން ކަމަށެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 9.01 ކިލޯ ހުރި ކަމަށް ބުނެފައިވެ އެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތްތަކަކީ ހެރޮއިން އާއި ސިންތެޓިކް ކެތިނޯން އާއި ކެނަބިސްގެ އިތުރުން އެކްސްޓަސީ އެވެ.
މަސްތުވާތަކެތި ފުރަތަމަ އަތުލައިގެންފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު 349 ގްރާމުގެ ހެރޮއިން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތެވެ.
އެފަހުން ބުދަ ދުވަހު 582 ގްރާމުގެ ސިންތެޓިކް ކެތިނޯން ވަނީ އަތުލައިގެންފަ އެވެ. އަދި ހަމަ އެ ދުވަހު 5.2 ކިލޯގެ ކެނަބިސް އާއި 2.8 ކިލޯގެ އެކްސްޓަސީ އަތުލައިގެންފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ކަސްޓަމުން ހާމަކޮށްފައެއް ނުވެ އެވެ.