ބީއެމްއެލްއަށް އާ ސީއީއޯއެއް ހޯދަން އިއުލާންކޮށްފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އަށް އާ ސީއީއޯއެއް ހޯދަން އިއުލާންކޮށްފި އެވެ.
ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ކާލް ސްޓުމްކަ މި މަހުގެ ނުވަަ ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.
އޭނާ އިސްތިއުފާ ދެއްވީ ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކުން ޑޮލަރުން މުއާމަލާތް ކުރެވޭ މިންވަރު އެއްކޮށް ކަނޑާލި މައްސަލަ ހޫނުވެ ބީއެމްއެލްއިން ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކުރިކަމަށް ތުހުމަތުކުރެވުނުތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
ސައުތު އެފްރިކާ އަށް ނިސްބަތްވެވަޑައިގަންނަވާ ކާލް ބީއެމްއެލްގެ ސީއީއޯ އަކަށް އައްޔަންކުރެއްްވީ 2022 ވަނަ އަހަރު އެވެ.
ބޭންކުން މިއަދު ހަވީރު ކުރި އިއުލާނެއްގައި ވަނީ އާ ސީއީއޯއެއް ހޯދަން އިއުލާންކޮށްފަ އެވެ. އެ ގޮތުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ބޭންކިންއާއި ފައިނޭންސްއިންއާއި ގުޅޭ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު 15 އަހަރުގެ ތަޖުރިބާ ހުުރުން ހިމެނެ އެވެ.