ޚަބަރު

މާލެ އިން ޕާކިން ސްލޮޓް ދޫކުރުން ހުއްޓާލަން އަންގައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މައްޗަންގޮޅި ސަހަރާއިން ބައެއް ޕާކިންއަށް ހުސްކޮށްފައި

މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދޫކުރުން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް އަންގައިފި އެވެ.

Ads by STELCO

ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ ބުނީ އެގޮތަށް މާލޭ ސިޓީ ކައުންސިލްއަށް އެންގީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާތީއާއި، އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

އަދި އެންމެހައި ރައްޔިތުންނަށް ހަމަހަމަ ގޮތުގައި މަގުތަކުގައިވާ އާންމު ޖާގަތަށް ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމަށް މިހާރު ފަށާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އަދި މާލޭ ސިޓީ ކައުންސިލުން މިއަދާ ހަމައަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫކުނުކުރުމަށްވެސް ކައުންސިލްއަށް މިހާރު އަންގާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

ޕާކިން ސްލޮޓްތައް ވިޔަފާރީގެ އުސޫލުން ކުއްޔަށް ދޫކުރަން ފެށީ ރަޢީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު އެވެ. އެހެން ނަމަވެސް  އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ބުނެފައިވެ އެވެ.