ހުރިހާ ދާއިރާއަކުން ވެސް ރާއްޖެއަށް ތާއިދުކުރާނެ ކަމަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ބުނެފި

ހުރިހާ ދާއިރާއަކުން ވެސް ރާއްޖެއަށް ތާއިދުކުރާނެ ކަމަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީ(ސީސީޕީ)އިން ހާމަކޮށްފި އެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު، ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގ ޔީއާ އެމަނިކުފާނު މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ ޗައިނާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
އަދި ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި، ދެ ގައުމުން ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްގީކުރުމަށް ޗައިނާއިން ދެމުންދާ އެއްބާރުލުމަށްވެސް، ރައީސް ޝުކުރު އަދާކުރެއްވި އެވެ.
އެ ބައްދަލުުވުމުގައި ޑިރެކްޓަރު ވަންގ ޔީ ވަނީ ދެ ގައުމުގެ ޝާމިލުވުން އޮންނަ ހުރިހާ ދާއިރާއެއްގައިވެސް ރާއްޖެއަށް ޗައިނާގެ ތާއިދު ލިބެމުންދާނޭކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ވަކިން ހާއްސަކޮށް މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގައި ދެމިތިއްބެވުމުގެ މުހިއްމުކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވި އެވެ.