ފަލަސްތީނުގެ ރައީސަށް ރައީސް މުއިއްޒު ދެއްވީ ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން
ދެވެން އޮތް ހުރިހާ ގޮތަކުން ފަލަސްތީނަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ އދ. ގެ 79 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ފަލަސްތީންގެ ރައީސް ޑރ. މަހްމޫދު އައްބާސްއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ބައްދަލުކުރެއްވުމުގައި އައްބާސް ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ވަރުގަދަ މެސެޖެއް ދެއްވާފަ އެވެ.
"ހަނގުރާ ހުއްޓާލަން އެދެނީ އަޅުގަނޑުމެންނަކީވެސް އިންސާނުން ކަމަށްވާތީ"
ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު ހައްލުކުރުމަށް ބައިނަލްއަގުބާމީ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އައްބާސް ގޮވާލައްވާފައިވެ އެވެ.
ރައީސް މުއިއްޒު ގެ ވާހަކަފުުޅުގައި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ރާއްޖެއިން ދެވެން އޮތް ހުރިހާ ގޮތަކުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާ ހައްގުތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އައްބާސް ވިދާޅުވީ ރާއްޖެއިން ދިގު މުއްދަތަކަށް ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖެއިން ދެމުންދާ އެއްބާރުލުން އަބަދުވެސް ބަލައިގަންނަ ކަމަށް އައްބާސް ވިދާޅުވި އެވެ.
މުއިއްޒާއި އައްބާސް ވަނީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.
އެ ބައްދަލުވުން ނިންމާލާފައިވަނީ ރާއްޖެއާއި ފަލަސްތީނާ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމާއި ދެ ގައުމުގެ ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޔަގީންކަން ދެއްވަމުންނެވެ.
ފަލަސްތީނަށް އެހީވުމަށް ރާއްޖެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ދާދިފަހުން ދައުލަތުގެ މީޑިއާ, ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު 19 މިލިއަން ރުފިޔާ އދ. ގެ ޖަމިއްޔާ ޔުނައިޓެޑްނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އާ ހަވާލުކޮށްފައިވެ އެވެ.
އޭގެ އިތުރުން ޒަކާތު ފަންޑުން އެއްލައްކަ ޑޮލަރު ހަދިޔާކޮށްފައިވާއިރު އެ ފައިސާ ފޮނުވުމުގެ މަސައްކަތް ގަތަރުގެ ރެޑް ކުރެސެންޓާ ގުޅިގެން ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދާދިފަހުން ވިދާޅުވި އެވެ.