ރައީސް އަންނަ މަހުގައި އިންޑިއާއަށް ވަޑައިގަންނަނީ
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަންނަ މަހުގައި އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ ރައީސް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިއަންނަ މަހުގެ ދެވަނަ ހަފްތާގެ ހަވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުފުޅުގައި ރައީސް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާނެ އެވެ. އަދި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ނޫހުގައި އިތުރަށް ބުނެފައިވަނީ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފަހު ގުޅުން ބަދަހިކުރުމަށްޓަކައި ކުރައްވާ ދަތުރުފުޅެެއް ކަމެއް ކަމަށް އެ ނޫހަށް އިތުބާރު ކުރެވޭ މީހަކު ވިދާޅުވި ކަމަށެވެ.
ރައީސް ވަނީ މީގެ ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.
ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދާދި ފަހުން އެ ގައުމުގެ ފޮރިން އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވަނީ ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ.