ޚަބަރު

ހިޒްބުاللهގެ ލީޑަރު ނަސްރުالله އަވަހާރަކޮށްލުން އެމްޑީޕީން ކުށްވެރިކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله ގެ އިތުރަށް ލުބުނާނުގެ އެތައް ސަތޭކަ އާންމުން ވެސް އެއްވެ ތިބި ތަަނަކަށް އިޒްރޭލުން ބޮމުގެ ހަމަލާތަކެއް ދީ، އެ ހަމަލާތަކުގައި ނަސްރުﷲ އަވަހާރަކޮށް އާންމުން ޝަހީދުކޮށްލުން ރާއްޖޭގެ އިދިކޮޅު ޕާޓީ، އެމްޑީޕީން ކުށްވެރިކޮށްފި އެވެ.

Ads by MWSC

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި އިޒްރޭލުން ހިންގަމުންދާ ހަމަނުޖެހުންތަކާއި ހަލާކުގެ އަމަލުތަކުގައި ދެމިއޮތުމުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އިޒްރޭލުން އަރައިގަތުމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބުރޫއެރުމުގެ އިތުރުން، މި ސަރަހައްދަށާއި ބައިނަލްއަގްވާމީ މުޖުތަމައުއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިިނިސްޓަރު ކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.

ހަގީގީ ސުލްހަ ގާއިމުކުރެވޭނީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދީގެން ކަމަށް ވެސް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަން ވެސް ކުރައްވާފައިވާ ފައްޔާޒު ވިދާޅުވި އެވެ.

އިތުރު ލޭ އޮހޮރުވުން ހުއްޓުވުމަށާއި އަދުލު އިންސާފާއި ކަރާމާތާއި އެކަކު އަނެކަކު ބަލައިގަތުމުގެ މައްޗަށް ބިނާވެފައިވާ މުސްތަގުބަލެއް ކަށަވަރު ކުރުމަށް އަވަސް އަދި ނިންމަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

 

Ads by Allied Insurance