އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި އާދިއްތަ ދުވަހު އެ ގައުމަށް ފުރާވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް ވަނީ ތިމާވެށްޓާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ "ކޮޕް-28" ގެ ހަވާސާގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައްދަލު ކުރައްވާފަ އެވެ. އަދި މި އަހަރު ޖޫން މަހު ނުވަ ވަނަ ދުވަހު އިންޑިއާގެ ބޮޑު ވަޒީރާއި އާ ސަރުކާރުގެ ވަޒީރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސާ ބައްދަލު ކުރެއްވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު މެންދުރުފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި ބޮޑު ވަޒީރުގެ އިތުރުން އިސް މަސްއޫލުވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. ބައްދަލު ކުރެއްވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
ރައީސްގެ ދަތުރުފުޅާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ބުނެފައި ވަނީ މި ސްޓޭޓް ވިޒިޓްގައި ވެރިރަށް ދިއްލީ އަދި އިންޑިއާގެ ވިޔަފާރީގެ ހަބް މުމްބާއީގެ އިތުރުން އައިޓީގެ ހަބް ބެންގަލޫރަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ދިވެހި ވަފުދުގެ މެހެމާންދާރީގެ ހުރިހާ ކަންކަން ހަމަޖައްސައިދެނީ އިންޑިއާ ސަރުކާރުގެ ފަރާތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް ގެންދަވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރައްވައި ތަރައްގީއަށް މުހިންމު ހުރިހާ ގައުމަކާ ވެސް ބަދަހި ގުޅުމެއް ދެމެހެއްޓުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.