ޚަބަރު ސަރުކާރު

ރައީސްގެ ދެކަނބަލުންނަށް އިންޑިއާއިން ރަސްމީގޮތުން މަރުހަބާ ކިޔައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އަށް އިންޑިއާ ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފި އެވެ.

Ads by MWSC

މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި އޮތް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

ރައީސް ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވި އެވެ. އަދި ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، ރައީސް ވަނީ އިންސްޕެކްޓް ކޮށްދެއްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން، މަހާތުމާ ގާންދީގެ މަގްބަރާ، ރާޖްގަޓަށް ޒިޔާރަތްކުރައްވާފައި އެވެ.

ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ނިއުދެއްލީއަށް ވަޑައިގެންފައި ވަނީ އިއްޔެ އެވެ.

ރައީސްގެ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.

ރައީސް މުއިއްޒު ވަނީ ދަތުރުގައި އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމާނިއަމް ޖައިޝަންކަރް ބައްދަލުކުރައްވާފަ އެވެ. އަދި ނިއުދިއްލީގައި އުޅޭ ދިވެހިންނާވެސް ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ.

Ads by Allied Insurance