ދުނިޔެ

ކޮވިޑް19 އިން ރަނގަޅުވި ޗައިނާގެ 14 އިންސައްތަ މީހުން އަނެއްކާ ވެސް ބައްޔަށް ޕޮސިޓިވްވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް 19 ބަލިން ރަނގަޅުވި ޗައިނާގެ 14 އިންސައްތަ މީހުން އަނެއްކާވެސް އެ ބައްޔަށް ޕޮސިޓިވް ވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޑެއިލީ މެއިލް އިން ސިއްހީ މާހިރުންނަށް ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާގައި މި އެންމެނަށް ވެސް އަލުން ބަލި ޖެހިފައިވަނީ އެމީހުން ބަލިން މުޅިން ރަނގަޅުވެއްޖެ ކަމަށް ޑޮކްޓަރުން ބުނެފައިވަނިކޮށެވެ.

Ads by Sosun Fihaara

ވުހާން ގެ ހޮސްޕިޓަލެއްގެ އިސް ފަރާތަކުން ވަނީ އެހޮސްޕިޓަލުގައި ބަލިން ރަނގަޅުވުމަށް ފަހު ޓެސްޓުކުރި 147 މީހުންގެ ތެރެއިން 5 މީހަކު ވައިރަހަށް ޕޮސިޓިވްވެފައިވާ ކަން މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. އަދި ބަލި ޖެހުމަށް ފަހު ދެވަނަ ފަހަރަށް ޕޮސިޓިވްވާއިރު ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށް ވެސް ބުނެފައިވެއެވެ.

މިކަން މީހުންގެ ސަމާލުކަމަށް އައިސްފައިމިވަނީ ޗައިނާގައި އަލުން ވައިރަސް ފެތުރިދާނެކަމުގެ ބިރު މާހިރުން ދީފައިވަނިކޮށެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ވެސް ބަލި ޖެހިފައިވާ ތިބެދާނެކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދީފައިވާ ދަނޑިވަޅެއްގައެވެ.

2019 ވަނަ އަހަރުގެ ޑިސެންބަރ މަހުގެ ތެރޭގައި ޗައިނާގެ ވުހާން އިން ފެނުނު ކޮވިޑް19 އެ ގައުމުުން ކޮންޓްރޯލް ކުރެވި މިހާރު ވަނީ އެ ގައުމުގައި ލޮކްޑައުން ކުރި ގިނަ ހިސާބުތަކުގައި ވެސް ލޮކްޑައުން އުވާލާފައެވެ. އަދި ވައިރަހާއި ގުޅިގެން ހުޅުވި ގިނަ ވަގުތީ ހޮސްޕިޓަލުތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ކޮވިޑް19 އަކީ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ކަނޑައަޅާފައިވާއިރު މި ބައްޔަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ބަލިން ރައްކާތެރިވުމަށް ހޯދިފައިވާ ހަމައެކަނި ގޮތަކީ ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖުތިމާއީ ގައިދުރުކަމެވެ. އޭގެ އިތުރުން ވެސް ސައިބޯނި ލައިގެން ގިނަ ގިނައިން އަތްދޮވުމަށާއި މޫނުގައި އަތްލުން ފަދަ ކަންކަން ނުކުރުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެެވެ.

ކޮވިޑް19 ޖެހިގެން މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 492,250 މީހުން ވަނީ ރިޕޯޓުކޮށްފައެވެ. ބަލިން ފަސޭހަ ވި މީހުންގެ އަދަދު 119,732 އަށް އަރާފައިވާއިރު ބަލި ޖެހުނު 22 ހާހަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!