ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ރާއްޖޭގައި ފަހި ފުރުސަތުތަކެއް އެބަހުރި: ރައީސް
ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ރާއްޖޭގައި ފަހި ފުރުސަތުތަކެއް އެބަހުރިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މުމްބާއީގައި ރޭ ބޭއްވި "އިންޑިއާ - މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުސަތުތަކަކީ އިގްތިސޯދު ސިންދަފާތުކޮށް ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށް ރާއްޖެ ދެކޭ ތަސައްވުރަށް ބާރުދޭ ފަދަ ފުރުސަތުތަކެއް ކަމަށެވެ.
އޭގެ ތެރޭގައި ހާއްސަ އިގްތިސޯދީ ސަރަހައްދުތަކުންނާއި ލަގްޒަރީ ޕްރައިވެޓް އައިލެންޑްތަކުންނާއި ތިމާވެއްޓާ ރަޙުމަތްތެރި ރިސޯޓާއި އިންޓަގްރޭޓަޑް ޓުވަރިޒަމުގެ މަޝްރޫއުތަކުގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތައް ރައީސް ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބައްދަލުވުންތަކާއި އިންސެންޓިވްތަކާއި މަހާސިންތާތަކާއި މައުރަޒުތަކަށް ހާއްސަ ނުވަތަ "މައިސް ޓުވަރިޒަމް" ފަދަ ފަތުރުވެރިކަމުގެ އާ ބާވަތްތައް ތައާރަފުކުރުމަށް އަމާޒުކުރައްވައިގެން ފަތުރުވެރިކަމުގެ ލާސާނީ ތަޖުރިބާތަކެއް ފަރުމާކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.
2025 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް ވައިގެ ބަނދަރާއި ހަނިމާދޫ ވައިގެ ބަނދަރަށް ވެސް އެދެވޭ ބަދަލުތަކެއް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އިންޑިއާ ރައީސް, ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ދަތުރުފުޅު ފެއްޓެވީ މިދިޔަ އާދިއްތަ ދުވަހެވެ. މާދަމާގެ ނިޔަލަށް ކުރައްވާ އެ ދަތުރުފުޅުގައި މިހާތަނަށް އިންޑިއާގެ މަތީ ފަންތީގެ ގިނަ ބޭފުޅުންނާ ވަނީ ބައްދަލުކުރައްވާފަ އެވެ.