ޚަބަރު އިޖުތިމާޢީ

މުޅި ރާއްޖެ އަށް ވައިޓް އެލާޓް، އަލިވާނީ އާދިއްތަ ދުވަހު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ކަނޑު ގަދަ ދުވަހެއް/ ފޮޓޯ: ދެން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައިވީ ނަމަވެސް އާދިއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފި އެވެ.

Ads by MWSC

މެޓުން "ދެން" އަށް ބުނީ ހޮނިހިރު ދުވަހާ ހަމައަށް އާދަޔާ ހިލާފަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކާއި ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން މެޓުން އިލްތިމާސްކުރި އެވެ.

"ހަފްތާ ބަންދު ތެރޭގައިވެސް މޫސުން ގޯސްކޮށް އުޅޭނީ، ހުކުރުގައިވެސް މޫސުން ގޯސްކޮށް އުޅޭނީ، ވައިވެސް ގަދަވާނެ. އާދިއްތަ އިން ފެށިގެން މޫސުން ކޮންމެސް ވަރަކަށް އަލިވެގެން ދާނެ"

ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މެޓުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 07:30 އިން ފެށިގެން މެންދުރު 13:00 ހަމައަށެވެ.

ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށް މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 13:30 އާ ހަމައަށް ނެރުނު ވައިޓް އެލާޓްގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.

އެ ސަރަހައްދަށް ހެނދުނު 8:30 އިން ފެށިގެން 13:30 އަށް އަލުން ވައިޓް އެލާޓް ނެރެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށެވެ.

މެޓުން ވަނީ މިދިޔަ އާދިއްތަ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ދަތުރުކުރާއިރު ސަމާލުވުމަށް އެދިފައެވެ. އަދި ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށްވެސް މެޓުން ވަނީ ބުނެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!