ކައުންޓަފިޓް ޕާސްޕޯޓް ބޭނުންކޮށް ރާއްޖެ އެތެރެވާން އުޅުނު 16 މީހަކު ހުއްޓުވައިފި
މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ކައުންޓަފީޓް ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު 16 މީހަކު ހުއްޓުވާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.
އެއާ ބޯޑާ ކޮންޓްރޯލުގެ ތަފާސް ހިސާބުތައް އާންމުކޮށް މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ކައުންޓަފީޓް ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖޭން އެތެރެވާން އުޅުނު ހަތަރު މީހަކު އަތުލައިގެންފައިވާ ކަމަށެވެ. އެ މުއްދަތުގައި ކައުންޓަފީޓް ރެސިޑެންޓް ކާޑު ބޭނުންކޮށް އެތެރެވާން އުޅުނު އެކަކު ހުއްޓުވި ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކައުންޓަފީޓް ޕާސްޕޯޓް ބޭނުންކޮށްގެން ހަ މީހަކު، އިމްޕޯސްޓާކުރި މީހެއްގެ އިތުރުން ކައުންޓަފީޓް އައިޑީއެއް ބޭނުންކޮށްގެން ރާއްޖޭގެ ބޯޑަރުން ވަންނަން އުޅުނު އެކަކު ވަނީ ހިފަހައްޓާފަ އެވެ.
މިދިޔަ އެޕްރީލު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 17 މީހަކު އިމިގްރޭޝަނުން ވަނީ ހިފަހައްޓާފަ އެވެ. އެއީ ކައުންޓަފީޓް ޕާސްޕޯޓް ބޭނުންކުރި 16 މީހަކާއި ފޯޖްކޮށްފައިވާ ޕާސްޕޯޓު ބޭނުންކޮށްގެން އެތެރެވާން އުޅުނު މީހެކެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އަތުލައިގަތް މީހުންގެ ހިސާބުތައް:
- ކައުންޓަފީޓް ޕާސްޕޯޓް: 5
- ކައުންޓަފީޓް އައިޑީ: 1
- ކައުންޓަފީޓް ބަޔޯ ޕޭޖް: 3
- ފެންޓަސީ ޕާސްޕޯޓް: 1
- އިމްޕޯސްޓާ: 4
- ކައުންޓަފީޓް ވިސާ: 2
- ކައުންޓަފީޓް ސްޓޭމްޕް: 4
އެކި ގޮތްގޮތަށް އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން ގިނައިން މަސައްކަތް ކޮށްފައި ވަނީ މެދުއިރުމަތިން އައި މީހުންނެވެ. އެ މީހުން ޔޫރަޕަށް އެތެރެވުމަށް ރާއްޖެ ބޭނުންކުރަނީ ޓްރާންސިޓްވާ ގައުމެއްގެ ގޮތުގަ އެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އެކި ގޮތްތަކަށް އެތެރެވާން އުޅުނު މި 50 މީހުން، ރާއްޖެއަށް އައި ފްލައިޓުތަކުން އަނބުރާ އެ ގައުމުތަކަށް ފޮނުވާލާފައިވާ ކަމުގަ އެވެ.