ޚަބަރު

އިންޑިއާ ދަތުރު ކާމިޔާބު،މަގުތަކެއް ހުޅިވިގެން ގޮސްފި: ރައީސް 

ޢާއިޝަތު ނުހާ ، ދެން އޮންލައިން

އިންޑިއާގެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުން މުހިއްމު ކަންތައްތަކަކަށް މަސައްކަތްފެށި, މަގު ހުޅުވިގެން ގޮސްފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ރައީސް އެެހެން ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބެންގަލޫރަށް ވަޑައިގެން އެތަނުގައި ދިރިއުޅޭ ދިވެހިންނާ ރޭ ބައްދަލުކުރައްވަ އެވެ.

ރައީސް ވިދާޅުވީ އިންޑިއާގެ ދަތުރުފުޅު ކާމިޔާބުވާ ސަބަބަކީ ކަނޑައެޅި މަގުސަދު ހާސިލުވާތީ ކަމަށެވެ.

"މި ދަތުރުގެ އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު ދަތުރެއް. ކާމިޔާބު އަޅުގަނޑު މިދަންނަވާ ސަބަބަކީ އަޅުގަނޑު ކަނޑައެޅި މަގުސަދު ހާސިލުވާތީ. ދިވެހި ރައްޔިތުންނަށް ކަންކަން މަގުފަހިވެގެންދާ ގޮތަށް ދިވެހި ރައްޔިތުންގެ  ހައްގުގައި ރައްޔިތުންނަށް މުހިއްމު ކަންތައްތަކަކަށް މަސައްކަތްފެށި, މަގު ހުޅުވިގެން ދިޔައީމަ."

ރައީސް ވިދާޅުވީ އެހެން ގައުމުތަކާ ދޭތެރޭގައި އޮންނާނީ ކޮންކަހަލަ ގުޅުމެއްކަން ހާރިޖީ ސިޔާސަތު އޮންނާނީ ކިހިނެތްކަން ރިޔާސީ އިންތިހާބުގައި މެނިފެސްޓޯ ލޯންޗުކުރަން ބޭއްވި ޖަލްސާގައި އިއުލާނުކުރައްވާފައިވާނެ ކަމަށެވެ.

"އެ ސިޔާސަތު އެއީ އަޅުގަނޑު އަބަދުވެސް ކުރިއަށް ގެންދާނެ ސިޔާސަތަކީ. އެއީ ކޮން ސިޔާސަތެއްތޯ. އެއީ ދިވެހި ރައްޔިތުން އިސްކުރުމުގެ ސިޔާސަތު. ދިވެހި ގައުމު އިސްކުރުމުގެ ސިޔާސަތު."

އެ ގާތްގުޅުން ބާއްވާއިރު މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްވާކަން އަބަދުވެސް ކަށަވަރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އަދި ކުރިއަށް އޮތްތަނުގައިވެސް މަސައްކަތްކުރައްވާނީ އެ ސިޔާސަތާއެކު ކަމަށެވެ.

އެކަމުގައި އެއްވެސް ދިވެހި ރައްޔިތެއްގެ ހިތުގައި ޝައްކެއް ނުބޭއްވުމަށް ރައީސް އެދިވަޑައިގެންފައިވެ އެވެ. އަދި މަސައްކަތް ކުރައްވާ ގޮތް ފެނިވަޑައިގަންނަވާނެ ކަމަށާއި ހާރިޖީ ސިޔާސަތު ކުރިއަށް ގެންދަވަނީ ދައްކަވާ ވާހަކަފުޅާ އެއްގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!