ލައިފްސްޓައިލް

ކަރުނަ ފޮހެލާފައި ސިއްރު ކޮށްލުމަށްވުރެ މޮޅުވާނީ ހިއްސާ ކޮށްލުމެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެން އެންމެނަށްވެސް ދިރިއުޅުމުގައި ހިތާމަތަކާއި ކުރިމަތިލާން ޖެހެއެވެ، ހިތް ނޭދޭ އެތައް ކަމަކާއި ކުރިމަތިލާން ޖެހެއެވެ. ދަތި އުނދަގޫ ހާލަތްތަކާއި ކުރިމަތިލާން ޖެހެއެވެ. އެ ހިތާމަވެރި ދަތި އުނދަގޫ ހާލަތްތަކުގައި އަޅުގަނޑުމެންނަށް މަދަދުވެރި ވަނީ އަޅުގަނޑުމެންގެ އެކުވެރިންނެވެ. އަޅުގަނޑުމެންގެ އާއިލާއިންނެވެ.

Ads by STELCO

އަޅުގަނޑަށް ދާދި އިހަކަށް ދުވަހު ދިމާވި ކަމެކެވެ. އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއަކު އަަޅުގަނޑަށް ގުޅާލުމަށްފަހު އެހީ ބިޒީ ހެއްޔެވެ. އެ ވަގުތަކީ އަޅުގަނޑަށް ހުސް ވަގުތަކަށް ވުމުން ނޫނެކޭ ބުނީމެެވެ. އޭނާ އެދުނީ އޭނާއާއި ބައްދަލު ކޮށްލުމަށެވެ. އެހެން ކަމުން އަޅުގަނޑު އޭނާއާއި އެކު ކާނިވަލުގެ ކެފޭއަކަށް ސައިތައްޓެއް ބޯލުމަށް ދިޔައީމެވެ.

އެތަނަށް ގޮސް އަޅުގަނޑު އޭނާ ގާތުގައި ކަމެއް ވީތޯ ސުވާލު ކުރީމެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްވެރިކަމެވެ. އޭނާގެ މޫނުމަތީގައި އެއްވެސް އުޖާލާކަމެެއް ހަމަ ނެތެވެ. ހީވަނީ ދެތިން ދުވަސް ވަންދެން ނުވެސް ނިދާ ހުރި ހެންނެވެ. އެ ދެލޯ ވަނީ ނިންޖަށް އިންތިހާއަށް ބޭނުންވެފައި ކަން ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އަދި މާގިނައިން ރުއިމުގެ ސަބަބުން ދެލޯ ދުޅަވެފައި ވާކަން ވެސް އޭނާގެ މޫނު ފެނިއްޖެ މީހަކަށް ސިއްރެއް ނުވާނެއެވެ.

އަހަރެން ކަމެއްވީތޯ ސުވާލު ކުރުމުން އޭނާގެ ޖަވާބަކަށް ވީ ކަމެއް ނުވާ ކަމަށެވެ. ނަމަވެސް އޭނާ އަކީ އަހަންނާއި އެކު ގިނަ ވަގުތުތަކެއް ހޭދަ ކުރާ ރަހުމަތްތެރިއެކެވެ. އެކަކު އަނެކަކަށް ދިމާ ނުވެވެނީ ދެމީހުންގެ ވެސް މަސައްކަތްތައް ހުންނަ ގޮތުންނެވެ. އޭނާއަށް ކަމެއްވެފައި ހުންނައިރު އާއި އަދި ކަމެއްނުވެ ރަނގަޅު "މޫޑެއް"ގައި ހުންނައިރު އަޅުގަނޑަށްވުރެ ބޮޑަށް ވަކި ކުރަން އެނގޭނެ މީހަކު ނުހުންނާނެއޭ ވެސް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އެތައް އިރެއް ވަންދެން އަޅުގަނޑު އޭނާއާ ސުވާލު ތަކުރާރު ކުރަމުން ދިޔައީމެވެ. ކަމެއްވީތޯ އާއި ވީ ކޮން ކަމެއްތޯ ސުވާލު ކުރަމުން ގެންދިޔައީމެވެ. ނަމަވެސް އޭނާގެ ޖަވާބަކަށް ބަދަލެއް ނާދެއެވެ. ހަަމަ ބުނަނީ ކަމެއް ނުވާ ކަމަށެވެ. ނުބުނަން އުޅޭ އެއްޗެއް އަޅުގަނޑަށް ގަދަކަމުން އޭނާގެ އަނގައިން ނުނެރެވޭނެއެވެ.

ދެމީހުން ކޮފީގައި އެތައް އިރެއް ހޭދަކުރީމެވެ. އެކި ވާހަކަ ދެއްކުމުގައެވެ. ނަމަވެސް އެހެން ދުވަސް ދުވަހަށް ސަކަރާތްޖަހާ މަޖާކޮށް ހަދައި އުޅޭ މަޖާ މިޒާޖުގެ އަޅުގަނޑުގެ ރަހުމަތްތެރިޔާ އެދުވަހު އިނީ ނެގިމަޑުވެފައެވެ. އަނގައަކުން ބަހެއް ނުކިޔައެވެ. އަޅުގަނޑު ދައްކަމުން ދިޔަ ވާހަކަތަކަށް "އާން ހޫން" ކިޔާލަ ކިޔާލާ އޭނާ ހަމަ އިނީއެވެ، ކޮންމެއަކަސް  އަޅުގަނޑުމެން ސައި ބޮއެ ނިންމާލުމަށްފަހު އެތަނުން ދިޔައީ މަޣްރިބު ނަމާދަށް ބަންގި ގޮވުމުންނެވެ،

ދެމީހުން އެކުގައި ނޫރު މިސްކިތަށް އަރައި ނަމާދު ކޮށްލީމެވެ. ނަމާދަށްފަހުގައި ދުއާއަށް އަތް ނަގައިގެން އަހަރެންގެ ރަހުމަތްތެރިޔާ އެތައް އިރަކު އިނެވެ. އަހަރެންގެ ރަހުމަތްތެރިޔާގެ ލޯ ފެންކަޅިވެފައިވާ ތަން ވެސް އަޅުގަނޑަށް ފެނުނެވެ. އެހެންކަމުން ނަމާދުން ފައިބާ އަނެއްކާވެސް ސުވާލު ކޮށްލީމެވެ. ވީ ކިހިނެއްތޯއެވެ. ނަމަވެސް އޭނާގެ ޖަވާބަކަށް ހަމަވީ ކަމެއް ނުވާ ކަމަށެވެ.

ނަމާދުން ފޭބުމަށްފަހު އޭނާގެ ގޭގެ ކައިރިއަށް އޭނާ ލައިދިނުމަށްފަހު އަޅުގަނޑުވެސް ދިޔައީ އަޅުގަނޑުގެ ގެއާ ދިމާލަށެެވެ. ގެއަށް ގޮސް އަޅުގަނޑުގެ ޑިއުޓީ ވަގުތު ޖެހުމުން އަޅުގަނޑު ޑިއުޓީއަށް ދިޔައީމެވެ. ނަމަވެސް މަސައްކަތަށް އަޅުގަނޑަށް ސަމާލުކަން ދެވޭ ވަރެއް ނުވިއެވެ. ސަބަބަކީ އަޅުގަނޑަށް އަޅުގަނޑުގެ ރައްޓެހިންނަކީ ވަރަށް މުހިއްމު ބަޔަކަށް ވާތީއެވެ. ރަހުމަތްތެރިޔާއަށް ދެރަ ގޮތެއް ވުމަށް އަޅުގަނޑު ނޭދޭތީއެވެ.

މަސައްކަތްތައް ނިންމާލުމަށްފަހު އަޅުގަނޑު ރަހުމަތްތެރިޔާގެ ފޯނަށް ގުޅާލީމެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. މާޔޫސްކަމާއެކު އަޅުގަނޑު ނިދަން އޮށޯތީމެވެ. އަޅުގަނޑުގެ ހިތަށް ހަމަޖެހުމެއް ނުލިބި ވާ ހާލުގައެވެ، އެހެން އޮއްވާ އަޅުގަނޑުގެ ލޮލަށް ނިދި ސަވާރުވެ އަޅުގަނޑަށް ނިދިއްޖެއެވެ. ނިދާފައި އޮއްވާ އަޅުގަނޑަށް ހޭލެވުނީ ފޯނު ރިންގު ވާތީއެވެ. ބަލާލި އިރު ގުޅަނީ އަޅުގަނޑުގެ ރަހުމަތްތެރިޔާއެވެ،

ފޯނު ނަގައި އަޅުގަނޑު ސަލާމް ގޮވާލީމެވެ. ނަމަވެސް އަޅުގަނޑުގެ ސަލާމަށް ޖަވާބެއް ނާދެއެވެ. އިވެން ފެށީ މަޑު ގިސްލުމެއްގެ އަޑެވެ. އަޅުގަނޑުގެ ރަހުމަތްތެރިޔާގެ ރުއިމުގެ އަޑެވެ. ނުހަނު ކަންބޮޑުވެފައިވާ ހާލު އަޅުގަނޑު ރަހުމަތްތެރިޔާ އާއި ސުވާލު ކޮށްލީމެވެ. ދެންވެސް ވެގެން އުޅޭ ގޮތް ބުނެދިނުމަށް އެދުނީމެވެ.

އަޅުގަނޑުގެ ރަހުމަތްތެރިޔާއަށް ވެގެން އުޅޭގޮތް އަޅުގަނޑަށް ހިއްސާ ކުރިއެވެ. ކޮވިޑް-19ގައި އޭނާގެ ވަޒީފާ ގެއްލުނީއެވެ. އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ އަމިއްލަ މީހެއްގެ އޮފީހެެއްގައެވެ. ނަމަވެސް މި ބަލިމަޑުކަމުގައި އެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއްވެ މުޅި ވިޔަފާރި ބަނގުރޫޓު ވީއެވެ. އަދި ވަޒީފާއިން ވަކި ކުރިތާ މިހާރު 5 ދުވަސް ވެއްޖެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އާއިލާގެ ގާތުގައިވެސް އެކަން ހިއްސާ ކުރަން ނުކެރިފައި ހުރި ކަމަށާއި އަދި އަޅުގަނޑުގެ ކައިރީގައިވެސް ބުނާނެ ގޮތެއް ނޭނގިފައި ހުރީ ކަމުގައި ބުންޏެވެ.

އަޅުގަނޑު އޭނާއަށް ވިސްނައި ދިނީމެވެ. ދިރިއުޅުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަން ވިސްނައިދިނީމެވެ،  ދިރިއުޅުމަކީ އިމްތިހާނެއް ކަމަށާއި އަދި ދިރިއުޅުމުގައި އެފަދަ އެތައް ކަމަކާއި ކުރިމަތިލާން ޖެހޭނެކަން ވިސްނައިދިނީމެެވެ. އަދި ވަޒީފާއެެއް ހޯދުމުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވައުދު ވީމެވެ.

ގިނަ ދުވަސްތަކެއް ވަޒީފާއަކަށް ނުގޮސް އޭނާ ހުންނަން ޖެހުނެެވެ. އޭނާއަށް ވަޒީފާއެއް ލިބުނީ މީގެ ހައެއްކަ ދުވަސް ކުރިންނެވެ. ނަމަވެސް އެ ދުވަސްތަކުގައި އޭނާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ އޭނާގެ އާއިލާ އާއި އޭނާގެ ރަހުމަތްތެރިންނެވެ. އެދުވަހު އަޅުގަނޑުގެ ގާތުގައި އަދި އެހެން މީހެއްގެ ގާތުގައި ވެސް އޭނާ އެކަން ހިއްސާ ނުކޮށް ހުރިނަމަ އޭނާ ނަފްސާނީ ބަލިމަޑު ކަމަކަށް ދިޔުމުގެ ފުރުސަތު ބޮޑުވީހެވެ.

ދަންނަވަންތޯއެވެ. އަޅުގަނޑު މިވާހަކަ މި ހިއްސާ ކުރީ މިވާހަކައިން އިބުރަތެއް ތިޔަ ކިޔުންތެރިންނަށް ލިބޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ. ދިރިއުޅުމުގައި ކަމެއް ދިމާވުމުން އެކަމެއް ގާތް ރަހުމަތްތެރިއަކާ ނުވަތަ އާއިލާގެ ކޮންމެވެސް މީހަކާ ހިއްސާ ކުރާށެވެ. އަމިއްލަ ހިތުގައި އެކަންތައްތައް ފޮރުވައިގެން ހުރުމުން އުނދަގޫ ވާނީ ހަމަ ތިބާގެ ހިތަށެވެ. ނުތަނަވަސްވެފައިވާ ތިބާގެ ހިތަށް ތަސައްލީއެއް ލިބޭނީ އެވާހަކަތައް ކޮންމެވެސް މީހަކާ ހިއްސާ ކުރުމުންނެވެ.

ދިރިއުޅުމުގައި ކޮންމެ މީހަކީވެސް އަނެކާގެ އެހީތެރިކަން ބޭނުންވާނެ މީހެކެވެ. އެކަކު އަނެކަކުގެ އެހީތެރިކަން އަބަދުވެސް ބޭނުންވާނެއެވެ. ތިބާގެ ލޮލުން އޮހޮރޭ ކަރުނަތައް ފޮހެލާ ހިނިތުންވުމަކުން އެ ކަރުނަތައް ވަންހަނާ ކުރަން މަސައްކަތް ނުކުރާށެވެ. އެ ކަރުނަތަކާއި ހިތުގައިވާ ވާހަކަތައް ނުފޮރުވާށެވެ. ތިޔައީ ރަނގަޅު ގޮތެއް ނޫނެވެ. ގާތް ރަހުމަތްތެރިއަކާ ހިއްސާކޮށްލާ އެވާހަކަ ދައްކާލުން މާބޮޑަށް ވެސް މޮޅުވާނެ ކަން ގައިމެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!