ތުއްތު ކުއްޖަކު މަގު ހުރަސް ކުރަން އުޅެނިކޮށް ސައިކަލެއްގައި ޖެހި އަނިޔާވެއްޖެ

ތުއްތު ކުއްޖަކު މަގު ހުރަސް ކުރަން އުޅެނިކޮށް ސައިކަލެއްގައި ޖެހި އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އަނިޔާވީ މަޖީދީ މަގު ވިލާ މާޓް ކައިރިން ކަފިހުރަހުން މަގު ހުރަސް ކުރަން އުޅުނު ތިން އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ.
އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 03:40ގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުުހުން ބުނީ އެ ހާދިސާގައި އެ ކުއްޖާ ވެއްޓި ނިއްކުރިމަތި ދުޅަވި ކަމަށެވެ.
އަދި ކުއްޖާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ސައިކަލު ދުއްވަން އިން މީހާގެ ލައިސަންސް އޮންނަ ކަމަށެވެ.
ެއެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ނެވެ.