އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ބަޑި ޖެހުމުގެ މުބާރާތެއް

އާއްމުންނަށް ބައިވެރިވެވޭ ގޮތަށް "ނެޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް 2024" ބާއްވަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ, ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ޝޫޓިން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރު އިސްމާޢީލް ޝަފީގެވެ.
މީގެ ކުރިން މުބާރާތްތަކުގައި ބަޑިޖަހައި އުޅުނީ ސިފައިންގެ ތެރެއިން ތަމްރީންވެފައި ތިބި ސިވިލް ކުދިންކަން ފާހަގަކުރައްވަމުން ޝަފީގު ވިދާޅުވީ މިހާރު ސިފައިންގެ ތެރޭގައި މި ކުޅިވަރުގައި ހަރަކާތްތެރިވަނީ އެންމެ ތިން ކުދިން ކަމަށެވެ.
އަދި ޝޫޓިން ކޮމިއުނިޓީ ތެރޭގައި ބަޑިޖެހުމުގެ ކުޅިވަރުގައި ވަރަށް ގިނަ ކުދިން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، މިފަދަ ގޮތަކަށް މުބާރާތެއް ބޭއްވިފައި ނެތް ކަމަށް ވިދާޅުވިއެވެ.
އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމުގައި ސުކޫލުގައި ކިޔަވާ ދަރިވަރުންނާއެކު 90 އަށްވުރެ ގިނަ ކުދިން މިހާރު ތަމްރީނު ހަދަމުން އަންނަ ކަމަށާއި، މިއީ މިހާރު ރާއްޖޭގައި ހުނަރުވެރި ޒުވާނުން އުފެދެމުން އަންނަ ކުޅިވަރެއް ކަމަށް ޝަފީގު ވިދާޅުވިއެވެ. އަދި ގައުމީ މުބާރާތުގައި އާންމުންނަށް ބައިވެރިވެވޭނީ ވަކި މުއްދަތަކަށް ބޭއްވޭ ތަމްރީނުތަކަށް ފަހު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑުމެންގެ ރިކުއާމެންޓުގައި މި އިންނަނީ މެންޓަލީ މިހާ ފިޓުވާން ޖެހޭނެ ބަޑިޖެހުމަށްޓަކައި. އެއީ ވަރަށް މުހިންމު ކަމެއް. ދެން އޭގެ އިތުރަށް މުބާރާތުގެ ކުރިން އަޅުގަނޑުމެން ބާއްވާ ޕްރޮގްރާމުތަކުގައި ގަވާއިދުން ޖެހޭނެ ބައިވެރިވާން. ހަމަ ހުރެފައި އައިސް ބަޑިއެއް ނުޖެހޭނެ. މިއީ ސޭފްޓީ އެކުލެވޭ ކުޅިވަރަކަށް ވާތީ، އަޅުގަނޑުމެން ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވެގެން އެ ހިސާބުން މުބާރާތުގައި ބައިވެރުވެވޭނީ." ހަސަން ވިދާޅުވިއެވެ.
ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބަޑިޖެހުމުގެ މުބާރާތުގައި 30 އިވެންޓެއް ކުރިޔަށްދާނެ ކަމަށް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މުބާރާތް ކުރިއަށްދާނީ އޯޕަން ކެޓެގަރީގެ އިތުރުން ޔޫތު ކެޓަގަރީ އާއި ޖޫނިއާ ކެޓަގަރީ ހިމެނޭ ގޮތަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފަވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގައެވެ.