ކޯވިޑް19: މަރުވުމުގެ ކުރިން މާމަ އާއި ވާހަކަ ދައްކާލަން ޖެހުނީ ފޯން ކޯލަކުން
ކޯވިޑް 19 ޖެހުނު ގެ އިނގެރޭސި ވިލާތުގެ މާމަ މަރުވުމުގެ ކުރިން ބައްދަލު ކޮށްލުމުގެ ފުރުސަތު ނުލިބި ހަމައެކަނި ފޯން ކޯލަކުން ވާހަކަ ދައްކާލަން ޖެހުނު މާމަ ދަރިން އެމީހުންގެ ވާހަކަތައް މީޑިއާއާއި ހިއްސާ ކޮށްފިއެވެ.
އުމުރުން 75 އަހަރުގެ ޖޭން ޖޭ ނަމަކަށް ކިޔާ އަންހެނެއް ކޯވިޑް 19 ޖެހިގެން ހާލު ސީރިއަސްވެގެން ވެސްޓް ސަފޮލްކް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ މިދިޔަ ހަފްތާ ބުދަ ދުވަހެވެ. އެ މީހާ އާއިއެކު ހޮސްޕިޓަލުގައި މަޑުކުރުމަށް ހުއްދަ ލިބުނީ ހަމައެކަނި އޭނާގެ 52 އަހަރުގެ ފިރިހެން ދަރި ކަމަށްވާ އެލެކްސް އަށެވެ.
ޖޭން އަށް ފަރުވާ ދެމުން ދިޔަ ޑޮކްޓަރުން ވަނީ ޖޭން ބަލިން ރަނގަޅުވެ ސަލާމަތް ވާނެ ކަމުގެ އުންމީދު އެއްކޮށް ކަނޑާލާފައެވެ. ކުރިން ސޯޝަލް ވޯކާއެއްގެ ގޮތުގައި މަސައްކަތް ކުރި ޖޭން އަށް މަންމަ ކިޔާ 3 ކުދިންނާއި މާމަ ކިޔާ 5 ކުދިން ތިއްބެވެ. ޖޭން ގެ އެދުމަށް އޭނާއަށް ވަނީ މާމަ ދަރިންނާއި ފޯނުން ގުޅައިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައެވެ.
ޖޭން އަށް މާމަ ކިޔާ އުމުރުން 22 އަހަރުގެ މޯލީ ކުރި ޓްވީޓެއްގައި ބުނީ، މާމަ ގައިގައި ބައްދާލާފައި ފަހު ފަހަރަށް ވަރަށް ލޯބިވާ ވާހަކަ ބުނުމުގެ ފުރުސަތު ނުލިބުން ކަމަށެވެ. އަދި، މާމަ ދިން ލޯތްބާއި އަޅާލުން އަބަދުވެސް ހިތު ތެރޭގައި ހަނދާން ހުންނާނެ ކަން މޯލީ ފާހަގަކުރިއެވެ.
ޖޭން ގެ ދަރި އެލެކްސް ބުނީ ޑޮކްޓަރުން މަންމަ ކައިރި ހުރުމަށް އެންމެ މީހަކަށް ފުރުސަތު ދިނުމުން ވަރަށް ދެރަވި ކަމަށެވެ. އަދި ހާލަތަށް ބަލާފައި ހުރިހާ ކުދިން އެއްބަސްވީ އޭނާ މަންމަ ކައިރި މަޑުކުރަން ކަމަށެވެ. އެލެކްސް ބުނީ މަންމަ މަރުވުމުގެ ކުރިން އަންގާރަ ދުވަހު އޭނާއަށް މަންމަ އޮތް ކޮޓަރިއަށް ވަދެވުނީ ރައްކާތެރިކަމާއެކު މާސްކާއި
ކޯޓް އެއްޗެހި ލައިގެން ކަމަށެވެ.
އެލެކްސް ބުނީ މަންމަ ދުނިޔޭގެ އޮންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަން އެނގިހުރެ މަންމައާއި ބައްދަލުކުރަން ދިޔައީ ވަރަށް ހިތްވަރުން ކަމަށެވެ. އޭނާގެ މަންމަ ވަރަށް ހިތްވަރުގަދަ ކަން ފާހަގަކޮށް އެލެކްސް ބުނީ މަންމަ އެންމެ ފަހު ވަގުތުވެސް ޖޯކެއް ކިޔާ އޭނާ ހެއްވާލި ކަމަށެވެ.
އެލެކްސް މަންމަ މަރުވަންދެން ހޮސްޕިޓަލުގައި ހޭދަކުރި ވަގުތު ސިފަކުރީ ބިރުވެރި ފިލްމެއްގެ ގޮތުގައެވެ. އެލެކްސް ވަނީ ސިއްހީ ތަޖްރިބާކާރުން ގެ ބަސް އަހައިގެން އެންމެން ގޭގައި ތިބުމަށް އާދޭސް ކޮށްފައެވެ.