ޚަބަރު

އިސްލާމީ މަރުކަޒުގެ މުންނާރުގެ މަސްފެންގަނޑު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން

އިސްލާމީ މަރުކަޒުގެ މުންނާރުގެ މަސްފެންގަނޑު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި އެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ މަސްފެންގަނޑު ހަލާކުވެ ގިނަ ދުވަސްވެފައިވާތީ އެ މަސައްކަތް ސްޓެލްކޯއިން ކުރަމުންދަނީ ސީއެސްއާރުގެ ދަށުން ކަމަށެވެ.

އެގޮތަށް އެ މަސައްކަތް ކުރުމަށް ސްޓެލްކޯއިން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލުކުރެއްވުމަށްފަހު އެވެ.

އެ މަޝްވަރާއަށްފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ މިނިސްޓްރީއާ ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގެ މުންނާރާއި އިސްލާމީ މަރުކަޒުގެ ސަރަހައްދު މިހާރަށްވުރެ ޒީނަތްތެރިކޮށް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރަމުންދަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބާތާ ގުޅިގެންނެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ސަރުކާރުން ނިންމާފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!