ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 5 ލައްކައަށް ވުރެ މައްޗަށް
ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ފަސް ލައްކައަށް ވުރެ މައްޗަށް ހިގައްޖެއެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ފަސް ލައކައަށްވުރެ މައްޗަށް ދިޔަ އިރު، އެ ބަލީގައި މަރުވި މީހުންގެ ޢަދަދު މިއަދުގެ ނިޔަލަށްވަނީ 22،000 އަށްވުރެ މައްޗަށް އަރައިގެން ގޮސްފައެވެ. ބަލީގައި މިހާތަނަށް ރަގަނޅު ވެފައިވަނީ 121،000 މީހުންނެވެ. ބަލީގައި މިހާރުވެސް ސީރިއަސް ހާލަތުގައި 18،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.
ހަލުވިކަމާއިއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކާ މިހާރު އެންމެބޮޑުކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ޔޫރަޕުގެ ޤައުމުތަކުގައެވެ. މިބަލި އެންމެފުރަތަމަ ފެނުނު ޗައިނާއިން ގާތްގަނޑަކަށް މިބަލިން އަރައިގަނެވި އާންމު ދިރިއުޅުމަކަށް ކަންކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާއިރު ޔޫރަޕްގެ ބޮޑެތި ޤައުމުތަކުން ދަނީ ބައްޔާއި ދެކޮޅަށް ބޮޑު ހަގުރާމައެއްކުރަމުންނެވެ.
ބަލީގެ ނުރައްކާ އެންމެ ބޮޑުކަމަށް ދައްކާ އިޓަލީ ވިލާތުން މިހާތަނަށް 80،000 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އިޓަލީން މިހާތަނަށް 8،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބަލި ކޮންޓްރޯލްނުވެ އެންމެ ހަލުވިކޮށް ފެތުރެމުންދަނީ އެމެރިކާގައެވެ. އެމެރިކާގައި 75،000 އަށްވުރުގެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު މިބަލީގައި އެމެރިކާއިން ހާހަކަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.