އަމިއްލަ ކޮޓަރީގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި

އަމިއްލަ ކޮޓަރީގައި ރޯކޮށްލި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ޔައީޝް އަހްމަދެވެ.
އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އެ މީހާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަން އެނގޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި މައްސަލަ ހުށަހަޅާފަރާތުގެ ބަޔާން ހިމެނޭ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ވަކީލުން ބޭނުން ނުވާ ކަމަށް ބުނި ކަމަށެވެ.
އަލިފާން ރޯކުރީ ކޮޓަރީގައި ޑިޒައިނެއް ހެދުމުގެ ގޮތުން ކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
ފުލުހުން ސީނަށް ދިޔައިރު ފާރުގައި ހުރި ކަރުދާސްތަކެއްގައި ރޯކޮށްފައި ހުއްޓާ ފެނުމުން ފުލުހުން އަލިފާން ނިއްވާލީ ކަމަށާއި އޭގެ ފަހުން އޭނާ ސީނަށް އައުމުން ސުވާލުކުރުމުން އަލިފާން ރޯކުރި ކަމަށް ސީނުގައި ބުނެފައިވާ ކަމަށް އައިއޯ ބުންޏެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނީ އެ މީހާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ.