ޑްރަގާއެކު މާލެ އިން 3 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރުމުގެ މައްސަލައެއްގައި މާލެ އިން 3 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ރަސްމީ ވެބްސައިޓްގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ވަނީ އެ މައްސަލާގައި ހައްޔަރުކުރި 3 މީހުންގެ ވަނަވަރު އާއްމުކޮށްފަ އެވެ. އެ 3 މީހުންނަކީ:
- ލ. ކަލައިދޫ / އެވަަގްރީން، މުހައްމަދު އައިޝަރު ޔޫސުފް (22އ)
- ކ. ކާށިދޫ / އަންދަލީބުގެ، މުހައްމަދު މައިހާން ފަޔާޒް (19އ)
- ދ. ކުޑަހުވަދޫ / ރަނަކުރި، އިބްރާހީމް މާޖިދު (31އ)
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު، މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ކޯޓު އަމުރުގެ ދަށުން އ 3 މީހުން އުޅޭ ގެ ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 86000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1142.04 ގްރާމް ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އައިޝަރު 15 ދުވަހަށް އަދި މައިހާން އާއި މާޖިދު 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.