މިސްޓާ ޕޮލިސް އަކަށް މިރާހް
ފުލުހުންގެ ފުރަތަމަ ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގެ މިސްޓާ ޕޮލިސްގެ މަގާމު ސީނިއާ ސާޖަންޓް މިރާހް އަބްދު ﷲ ހޯދައިފި އެވެ.
އިސްކަންދަރު ކޮށީގައި ރޭގައި ބޭއްވި މި މުބާރާތް ޝަރަފްވެރި ކޮށްދެއްވާފައިވަނީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެން ޓެކްނޯލޮޖީ އަލީ އިހުސާން އެވެ.
އެލިޔާ އިންވެސްޓްމަންޓް އިން ޓައިޓްލް ސްޕޮންސާ ކޮށްފައިވާ "ޔަމަހާ މިސްޓާ ޕޮލިސް" ގައި 4 ކެޓަގަރީ އަކުން ފުލުހުން ވާދަކޮށްފައިވެ އެވެ.
އެގޮތުން ވާދަކޮށްފައިވާ ކެޓަގަރީ ތަކަކީ މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 165 ސެންޓިމީޓަރު، މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 170 ސެންޓިމީޓަރު، މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 175 ސެންޓިމީޓަރު އަދި މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 180 ސެންޓިމީޓަރެވެ.
މިސްޓާ ޕޮލިސްގެ މަގާމަށް ހާސިލްކުރި މިރާހަ އަށް ވަނީ އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ހުށަހަޅާފައިވާ "ޔަމަހާ އެންމެކްސް 155" ގެ ސައިކަލެއް އިނާމުގެ ގޮތުގައި ލިބިފަ އެވެ. އަދި ބްލޭޒް ފިޓްނަސް ސެންޓަރުގެ ފަރާތުން ވަނީ ދެ އަހަރު ދުވަހުގެ ބްރޭންޑް އެމްބެސެޑަރުކަމާއެކު ޖިމް އޯލް އެކްސެސްވެސް މިރާހް އަށް ލިބިފައިވެ އެވެ.
އޭގެ އިތުރުން އެޕަޓައިޓްގެ ފަރާތުން ތިން އަހަރުގެ ދުވަހުގެ ޑިސްކައުންޓް ކާޑެއް ހާދިޔާގެ ގޮތުގައި މިރާހް އަށް ދީފައިވެ އެވެ.
އެ މުބާރާތުގައި މިސްޓާ ޕޮލިސް ގެ މަގާމު ހޯދި މިރާހް ވަނީ "މޭންސް ސްޕޯޓްސް ފިޒީކް" 180 ސެންޓި މީޓަރު ކެޓަގަރީން ވެސް 1 ވަނަ ހޯދާފަ އެވެ. މި ކެޓަގަރީން 2 ވަނަ އަށް ހޮވުނީ ސީނިއާ ސާޖަންޓް އިނާޒް ޔޫސުފް އެވެ. އަދި 3 ވަނަ އަށް ހޮވުނީ ސަބް އިންސްޕެކްޓާ އަލީ އަމަން އެވެ.
މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 165 ސެންޓިމީޓަރު ކެޓަގަރީން 1 ވަނަ ހޯދީ ސާޖަންޓް މުޖުތަބާ މުހައްމަދު އެވެ. މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 170 ސެންޓި މީޓަރު ކެޓަގަރީން 1 ވަނަ ހޯދީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ކާމިލް އެވެ. އަދި މި ދެ ކެޑަގަރީންވެސް ދެވަނަ އާއި ތިން ހޮވާފައި ވެއެވެ.
މި މުބާރާތުގައި ކެޓަގަރީތަކުން ވަނަތަކަށް ހޮވުނު އެތުލީޓުންނަށް ވަނީ ފައިސާގެ އިނާމާއި ގިފްޓް ވައުޗާ ހަދިޔާގެ ގޮތުގައި ދީފަ އެވެ.
އެ ރަސްމިއްޔާތުގައި ބޮޑީބިލްޑިންގް ދާއިރާއިން ރަން ވަނަތަކެއް ހާސިލްކޮށް، ގައުމަށާއި މުއައްސަސާއަށް ރީތި ނަން ހޯދައިދީފައިވާތީ އެކަމަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު މޫސާ އާއި ކޮންސްޓަބަލް އަޒްނީން ރަޝާދު އަށް ހަނދާނީ ފިލައެއް އަރުވާފައި ވެއެވެ. އަދި މިސްޓާ ޕޮލިސް މުބާރާތް ބޭއްވުމުގައި އެކި ގޮތް ގޮތުން އެހީތެރިކަން ދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ފިލާ ވެސް ދީފައި ވެއެވެ.
މިއީ ޕޮލިސް ކުލަބާއި ބޮޑީބިލްޑިންގް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އާއި ގުޅިގެން ފުލުހުންގެ މުއައްސަސާގެ ބަހާތަކަށް ކުރިއަށް ގެންދިިޔަ މި މުބާރާތުގައި 4 ކެޓަރީގައި 12 ފުލުހުން ވާދަކޮށްފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވީ މި މުބާރާތް އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ މުބާރާތް ޖުލައި 4 ވަނަ ދުވަހު ބާއްވާނެކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.