ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީ ދެމީހުން ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އަދި 14 ދުވަހު ކަރަންޓީނުގައި ހުރެފައި، ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިއަކު، ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެއިން ދިޔަ އިޓަލީގެ ދެ ޓޫރިސްޓަކު ގައުމަށް ގޮސް ހެދި ޓެސްޓުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހައި ރިސްކު މީހުން ފުރައިގެން ދިއުމުގެ ކުރިން ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ މީހެއްގެ ސާމްޕަލްއެއް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ދެ މީހުންނަކީ ކަރަންޓީނުގެ 14 ދުވަސް ނިންމާފައި ފުރައިގެންދިޔަ ދެ މީހުން ކަމަށެވެ.
އެކަމާ ބެހޭ ގޮތުން އިތުރު ތަފްސީލު ދެއްވަމުން ޑރ. އަލީ ލަތީފު ވިދާޅުވީ ސަފާރީގެ ތެރެއިން މީހަކު ކޮވިޑް19އަށް ޕޮޒިޓިވް ވުމުން ސަފާރީގައި ތިބި އެންމެން ކަރަންޓީން ކޮށްފައިވާފައެވެ. އަދި 14 ދުވަސްވީއިރު އެމީހުންގެ ގައިން އަލާމާތެއް ނެތުމުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެމީހުންގެ ޓެސްޓު ހަދާފައިވާ ކަމަށައި އޭގެ ތެރެއިން އިޓަލީގެ ދެ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ލަތީފު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭރު އެމީހުން ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށް ލަތީފު ވިދާޅުވިއެވެ