ފައްސިވި އިޓަލީ ދެ މީހުން ފުރި އިރު ވެސް ބަލީގެ އަލާމާތެއް ނުފެނޭ: ސަރުކާރު
ރާއްޖެއިން މިއަދު ފުރިފަހުން ކޮވިޑް-19 އަށް ފައްސިވި އިޓަލީ ދެ މީހުން ފުރި އިރު ވެސް ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިދެމީހުންނަކީ ރާއްޖެއައި އިޓަލީގެ ސަފާރީއެއްކަށްވާ އައިލެންޑް ސަފާރީގައި ތިބި ދެމީހެއްކަމަށެވެ.
މިމީހުންނާމެދު އެޗްޕީއޭއިން ޢަމަލުކޮށްފައިވަނީ ދުނިޔޭގެ ކަމާއިބެހޭ ފަރާތްތަކުންވެސް މިކަމުގައި ޢަމަލުކުރަމުންދާ އުސޫލުުންކަމަށް މަބްރޫކް ވިދާޅުވިއެވެ.
ސަފާރީގައި ތިބި މީހުންގެ ތެރެއިން މިއަދު ފުރައިގެންދިޔަ އެންމެންގެވެސް ޓެސްޓްކޮށްފައި ވާކަމަށާ، އޭގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެންގެ ނަތީޖާ ނައްސި ވެފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.
އައިލެންޑް ސަފާރީގައި ތިބީ ޖުމުލަ 32 މީހުންކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ގެސްޓުންނާއި، 16 ކްރޫއިންކަމަށާ، އެއީ 10 ބިދޭސީންނާއި ހަ ދިވެހިންނެވެ.
ރާއްޖެއިން މިއަދު ފުރައިންދިޔަ އިޓަލީ ދެ މީހުން ކޯވިޑް-19އަށް ފައްސިވިކަން އެނގުމުގެ ކުރިންވެސް މިސަފާރީން ދެ މީހަކު ފައްސިވެ މިމަހުގެ 15ވަނަ ދުވަހުން ފެށިގެން އެދެމީހުން އައިސޮލޭޓްކޮށް ފަރުކޮޅު ފުށީފައި ދަނީ ފަރުވާދެމުންނެވެ.
މަބްރޫކު ވިދާޅުވީ ރާއްޖޭގައި ތިބި އިތަލީގެ ރައްޔިތުން ގެންދިއުމަށް އެޤައުމުގެ ސަރުކާރުން ހަމަޖައްސާފައިވާ ފްލައިޓްގައި މިއަދުވަނީ 352 މީހަކު ފުރާފައިވާކަމަށެވެ.