މިދިޔަ ސަރުކާރުން ޕޮލިސް ސްޓޭޝަން އަޅަން ދިން ކުންފުނިން ހަދަނީ މޫނިމާގެ: އިހުސާން
ނިމިދިޔަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖޭގައި 60 ޕޮލިސް ސްޓޭޝަން އަޅަން ހަވާލުކުރި އިންޑިއާގެ އިންދްރާ ޕްރޮޖެކްޓްސް ކުންފުނިން، ބިގް ކުންފުނީގެ ހިއްސާ ގަތުމަށް ފަހު މާލޭގައި މޫނިމާގެ ނަމަކަށް ކިޔާ ގެއެއް އިމާރާތް ކުރަމުންދާ ކަމަށް ހޯމްލޭންޑް, ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އިހުސާން އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ. މިއަދުގެ ޖަލްސާ އަށް މިނިސްޓަރު އިހުސާން ހާޒިރުވެވަޑައިގެންނެވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު, މުހައްމަދު އިބްރާހީމް (ކުޑޫ) ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.
ވަޒީރާ ސުވާލުކުރުމުގެ ފުރުސަތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ސޯލިހުގެ ސަރުކާރުން އިންދިރާ ޕްރޮޖެކްޓްސްއަށް ފައިސާދިން ނަމަވެސް މަސައްކަތް ކުރިއަށް ގޮސްފައިނުވާތީ ސުވާލުކުރައްވާފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 2021 ވަނަ އަހަރު ސޮއިކުރި 60 ޕޮލިސްޓޭޝަން އެޅުމުގެ މަޝްރޫއު އަކީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރުގެ ހޭދަކުރަން ނިންމާފައި އޮތް މަޝްރޫއުއެއް ކަމަށެވެ. އަދި ޕްރޮޖެކްޓަށް އިންޑިއާގެ އެކްޒިމް ބޭންކުން ފައިނޭންސް ކޮށްދޭ ގޮތަށް ސޮއިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ މަސައްކަތް ފެށުމަށްޓަކައި މަސައްކަތް ކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގެން ހުރި ކަމަށް އިހުސާން ވިދާޅުވި އެވެ. އެހެންނަމަވެސް އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ހިނގާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ލޯނުގެ 15 އިންސައްތަ ދިނުމަށް އެ ކުންފުނިން ދިވެހި ސަރުކާރަށް އެދުން ކަމަށް ވިދާޅުވި އެވެ.
ލިޔެކިޔުންތަކާ ހަވާލާދެއްވާ އިހުސާން ވިދާޅުވީ އެ ކުންފުންޏަށް މިދިޔަ ސަރުކާރުން 3.6 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ. އަދި އެ ފައިސާއަށް ކުރިކަމެއްގެ ތަފްސީލެއް ނުދޭ ކަމަށާއި އެއް ބައްދަލުވުމުގައި އެ ފައިސާ ހުރި ކަމަށް ބުނެފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. އެހެން ނަމަވެސް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ މަސްލަހަތު އޮންނަ ބިގް ކުންފުނީގެ ހިއްސާ އެ ކުންފުނިން ގަނެފައިވާކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެން ކޮންކަމެއްތޯ އެ ކުންފުނިން ރާއްޖޭގައި ކުރަނީ ބަލާލިއިރުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަ އޮތް ބިގް ނަމަކަށް ކިޔާ ކުންފުނީގެ ޝެއާ އެ ކުންފުނިން ގަނެގެން މިހާރު މޫނިމާގެ ކިޔާ ގެއެއްގެ އިމާރާތް އެ ތަނުން ވަރަށް ބާރަށް ކުރިއަށް ގޮސް ނިމެމުންދާކަން"
އިހުސާން އިތުރަށް ވިދާޅުވީ އަދިވެސް އެ ފައިސާ ވީ އެ ކުންފުނީގައި ކަމަށެވެ.