ކޮވިޑް19: އޮރެންޖު ޖޫހުގެ އަގު ރަނަށް
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއެކު ދުނިޔޭގެ ބާޒާރުގައި އޮރެންޖު ޖޫހުގެ އަގު މަތިވެއްޖެއެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން އޮރެންޖު ޖޫހުގެ އަގު މަތިވި ފުރަތަަމަ ފަހަރެވެ.
މާހިރުން ބުނާ ގޮތުގައި އޮރެންޖު ޖޫހުގެ އަގު މަތިވެފައިމިވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން އޭގެ ޑިމާންޑު އުފުލުނު ނަމަވެސް ސަޕްލައި ކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުންނެވެ. އޭގެ ސަބަބުން ކުރިއަށް އޮތްތަނުގައި އޮރެންޖު ޖޫހުގެ އަގު އިންތިހާއަށް އުފުލިގެންދާނެކަމުގެ ބިރު މާހިރުންވަނީ ދީފައެވެ.
ގްލޯބަލް މާރކެޓު ސްޓެރެޖިސްޓަކު ބީބީސީ އަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ވައިރަހުގެ ސަބަބަުން އޮރެންޖު ޖޫހުގެ ސަޕްލައި އަށާއި ޑިމާންޑަށް ވެސް ބޮޑެތި އަސަރުތަކެއް ކުރަމުން އެބަ އާދެއެވެ. ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މި ޖޫހުގެ ޑިމާންޑު އިތުރުވެފައިވީ ނަމަވެސް ވައިރަހުގެ ސަބަބުން ގިނަ އެއާލައިން ތަކެއް ދަތުރު ކުރުން ހުއްޓާލުމާއެކު ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވޭކަން އޭނާވަނީ ފާހަގަކޮށްފައެވެ.
އޮރެންޖު ޖޫހަކީ އޭގެ ޒާތުގައި ވިޓަމިން ސީ ގިނަ އަދަދަކަށް އެކުލެވޭ ބުއިމަކަށް ވެފައި ގިނަ ބަޔަކު ދަނީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެޖޫސް ބޭނުން ކުރަމުންނެވެ.
ވިޓަމިން ސީއަކީ ގައިންގަޔަށް ފެތުރޭ ބަލިތަކަށް ދޭން ވަރަށް މޮޅު ފަރުވާއެއް ކަމަށް މީގެ އެތަކެއް އަހަރުކުރި އެމެރިކާގެ ކާޑިއޮލޮޖިސްޓް ތޯމަސް ލެވީވެސް ބުނެފައިވެ އެވެ. އަދި ޗައިނާ އަދި އެމެރިކާ ފަދަ ގައުމުތަކުގައި ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވި މީހުނަށް ވެސް ވަނީ ބޭހެއްގެ ގޮތުގައި ވިޓަމިން ސީ ދީފައެވެ.
އެމެރިކާގެ ނިއުޔޯކްގެ ހޮސްޕިޓަލްއެއްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އެންޑްރިއު ވެބާ ބުނެފައިވާ ގޮތުގައި ކޮރޮނާއާ ގުޅިގެން އިންފެކްޝަންތައް މާބޮޑުވެ ފުރާނައަށް ނުރައްކާވާހިނދު ހަށިގަނޑުގައި ހުންނަ ވިޓަމިން ސީ ވަރަށް ބޮޑަށް ދަށްވެއެވެ. އަދި ވިޓަމިން ސީ ދިން ބަލިމީހުން، އެ ވިޓަމުން ނުދޭ މީހުންނަށް ވުރެ ބޮޑުތަނުން ރަނގަޅުވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.