ދުނިޔެ

ކޯވިޑް19: 7 ދުވަސް ވަންދެން ސާޖިކަލް މާސްކްގައި ވައިރަސް ހުރޭ

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ބަލި ޖައްސާ ވައިރަހުން ރައްކާތެރިވުމަށްޓަކައި މޫނާއި ނޭފަތް ނިވާ ކުރުމަށް ގެންގުޅޭ މާސްކުގައި 7 ދުވަސް ވަންދެން ވައިރަސް ހުންނަ ކަން ދިރާސާ އަކުން ދައްކައިފިއެވެ.

ކޯވިޑް 19 ފަތުރާ ވައިރަހާއި ގުޅޭ ގޮތުން ހޮންކޮންގުގައި ކުރިއަށް ގެންދިޔަ ދިރާސާއަކުން ސާބިތުވެފައިވާ ގޮތުގައި، ސާޖިކަލް މާސްކުގެ ބޭރު ފަރާތުގައި މި ވައިރަސް 7 ދުވަސް ވަންދެން މަރުނުވެ ދިރިހުރެއެވެ. އެހެން ނަމަވެސް ނޫސް ކަރުދާސް ހަދަން ބޭނުން ކުރާ ކަރުދާހާއި ކާޑް ބޯޑް ފަދަ ތަކެތީގައި މި ކޮރޯނާ ވައިރަަހަށް ދިރިހުރެވެނީ ގާތްގަނޑަކަށް 3 ގަޑިއިރަށެވެ.

މިއަދު ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބަންދުކޮށްގެން އެއް ގައުމުން އަނެއް ގައުމަށް ފޮނުވާ ފޮށިތަކުން ކޯވިޑް 19 ފެތުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ސިއްހީ ތަޖްރިބާކާރުން ދަނީ އެކިކަހަލަ ވަސީލަތްތަކާއި އުކުޅުތައް ބޭނުން ކޮށްގެން ނޮވެލް ކޮރޯނާ ވައިރަހާއި ގުޅޭ އެކި ދިރާސާތައް ކުރަމުންނެވެ.

މިހާތަނަށް ކޯވިޑް 19 ދުނިޔޭގެ އެކި ހިސާބުތަކުން ހަލައްކައަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 27 ހާހަށް އަރައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!