ދުނިޔެ

ކޯވިޑް19: ބޫޓު ނާޑުވައިން ވެސް ނުރައްކާތެރިކަން

އާންމުކޮށް އަރައިގެން އުޅޭ ބޫޓުގެ ނާޑުވާގައި ކޮރޯނާ ވައިރަސް ހަރުލައިފިނަމަ ވައިރަހުގެ އަސަރު ނާޑުވާގައި 5 ދުވަހު ހުންނަ ކަމަށް ދިރާސާވެރިން ބުނެފިއެވެ. ބޫޓަށް އަރައިގެން މާރކެޓު، އޮފީސް ފަދަ މީހުން ގިނަ ތަންތަނަށް ދިއުމުން ނާޑުވާގައި ވައިރަސް ހަރުލުމުގެ ފުރުސަތު ބޮޑުވެގެންދާކަމަށް ވެސް ބުނެފައިވެއެވެ.

އާންމުކޮށް ބޫޓުގައި އެންމެ ޖަރާސީމު ގިނައީ ބޫޓުގެ ދަށްފުށް ކަމުގައި ވީނަމަވެސް ކެއްސާއި ކިނބިހި އަޅާއިރު ބޭރުވާ ކޮރޯނާ ވައިރަސް ވައިގެ ޒަރީއާއިން އެންމެ ފުރަތަމަ ވައިރަސް ހަރުލާނީ ނާޑުވާގައެވެ.

އޮސްޓްެރޭލިއާގެ ސައިންސްވެރިޔަކު ޑެއިލީ މެއިލްއަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ބޫޓުގެ ނާޑުވާގައި ވައިރަސް ހަރުލުމަށް ފަހު އެންމެ މަދުވެގެން ވެސް 5 ދުވަހު އެވައިރަހުގެ އަސަރު އޭގައި ހުރެއެވެ. އެއީ އޭގެ މެޓީރިއަލް ގެ ގޮތުން ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

މިއާއެކު އާންމުކޮށް ބޫޓަށް އަރާ މީހުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ޑޮކްޓަރުން ވަނީ އިރުޝާދުދެއްވާފައެވެ. އަދި ނާޑުވާ އެއްސުމަށް ނާޑުވާ ނުުވަތަ ބޫޓުގައި އަތްލުމަށް ފަހު ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުން މުހިންމެވެ.

ކޮރޯނާ ވައިރަހަކީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ނުވަތަ ކިނބިހި އަޅާއިރު ވައިގެ ތެރެއަށް ވައިރަސް ބޭރުވުމަށް ފަހު އެހެން މީހެއްގެ އަނގަޔަށް، ނޭފަތަށް، ނުވަތަ ލޮލަށް ވައިރަހުގެ އަސަރު ފޯރައިގެން ޖެހޭ ބައްޔެކެވެ. ނޭވާލާ ނިޒާމަށް ޖެހޭ މިބަލި ޖެހިގެން މިހާތަނަށް މުޅި ދުނިޔެއިން ހަލައްކައަށް ވުރެ ގިނަ މީހުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި 27 ހާހަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!