ޚަބަރު

އެމެރިކާ އާއި ދެމެދު ދިފާއީ ގުޅުން ވަރުގަދަ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެރިކާ އާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ވަރުގަދަ ކުރުމަށް ދެ ގައުމު ގުޅިގެން ފްރޭމްވޯކްއެއް އެކުލަވާލައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by MWSC

"ފްރޭމްވޯކް ފޮރ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޑިފެންސް – މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް – ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް" ގެނަމުގައި އެކުލަވަލި މި ފްރޭމްވޯކް އާ ބެހޭ އެއްބަސްވުމުގައި ދެގައުމުން ސޮއި ކޮށްފައިވަނީ މިއަދުއެވެ.

ރާއްޖެއިން މި އެއްބަސްވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ސޮއި ކުރެއްވިއިރު، އެމެރިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިޔުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްޓް އޭޝިއާ، ރީޑް ވާނާ އެވެ.

އެމެރިކާގައި އޮތް މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ މި ފްރޭމްވޯކްގެ ސަބަބުން ދިފާއީ އަދި ސަލާމަތީ ކަންކަމުގައި ދެ ގައުމު މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށާއި އިންޑޯ-ޕެސިފިކް ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.

މި ފްރޭމްވޯކްގެ ދަށުން، ދެޤައުމުގެ ދިފާޢީ ވުޒާރާއިން ގުޅިގެން، އިތުރު ޙަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ދެޤައުމުގެ ދިފާޢީ އަދި ސަލާމަތީ ދާއިރާގެ އިސްވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި، ދިވެހިރާއްޖޭގެ ދިފާޢީ މުއައްސަސާ އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ޙަރަކާތްތައް ހިންގުމަށް ފުރުޞަތު ތަނަވަސްކުރުމާއި، މެރިޓައިމް ސެކިއުރިޓީ ނުވަތަ ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި، ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމާއި، ޤުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ޙާލަތްތަކުގައި، ގުޅިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ކަންކަން ހިމެނެއެވެ.

މިނިސްޓަރު މާރިޔާ މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އެމެރިކާގަައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!