ޕީއެންސީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފި
ސަރުކާރު ހިންގާ، ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބު ފަސްކޮށްފި އެވެ.
މި މަހުގެ 9 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެ އިންތިހާބު ފަސްކުރިކަން އަންގާ އެ ޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބު ފަސްކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހަށް ކަމަށެވެ.
ޕީއެންސީން ބުނީ އިންތިހާބު ފަސްކުރީ ޖުމްހޫރީ ދުވަހާއި ގުޅިގެން މި މަހުގެ 10 ވަނަ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުމާ ގުޅިގެން ހަފްތާ ބަންދަށް ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރާތީ ކަމަށެވެ.
އެ ބަދަލު ގެނެސްފައިވަނީ ކެންޑިޑޭޓުންނާއި ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އެދުމުގެ މަތިން ކަމަށް އެ ޕާޓީން ބުންޏެވެ.
ޕީއެންސީން އިތުރަށް ބުނީ އެ އިންތިހާބު ބާއްވަން ޖެހޭ ދާއިރާތަކާއި ރަށްރަށް އަދި ކެންޑިޑޭޓުންގެ ނަންތައް އަދި ވޯޓުލެވޭ މީހުންގެ ލިސްޓު މި މަހުގެ 10 ވަނަ ދުވަހު އާންމުކުރާނެ ކަމަށެވެ.
އެންމެފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރައްވާފައި ވަނީ ކޮންގްރެސް ޕާޓީގެ ޓިކެޓުގަ އެވެ. ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި އެތެރޭގެ ޕްރައިމަރީގައި ދެ ޕާޓީގެ މެމްބަރުންނަށް ވޯޓު ދިނުމުގެ ފުރުސަތު ދިނެވެ.
އެހެންނަމަވެސް 23 ގައި ބާއްވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބޭނީ ޕީއެންސީގެ މެމްބަރުންނަށް އެކަންޏެވެ.
މި އިންތިހާބުގައި ސްޓިއަރިން ކޮމިޓީތަކަށް މެމްބަރުންނާއި ދާއިރާތަކަށް ރައީސުންނާއި ނައިބު ރައީސުން ހޮވާނެ އެވެ. އަދި ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި އަންހެނުންގެ ހަރަކާތުގެ ރައީސާއިން އިންތިހާބު ކުރެވޭނެ އެވެ. އިންތިހާބުގައި މި މަގާމުތަކަށް 2،095 މެމްބަރުން އިންތިހާބު ކުރާނެ އެވެ.
މަޖިލިހުގެ މެމްބަރުންގެ ގޮތުގައި އެ ޕާޓީ ތަމްސީލުކުރައްވާ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަށް ވާނީ މެމްބަރުންނެވެ. އެ ދާއިރާތަކަށް ހޮވާނީ ނައިބު ރައީސުންނެވެ. އަދި އެ ނޫން ދާއިރާތަކަށް ރައީސުންނާއި ނައިބު ރައީސުން ހޮވާނެ އެވެ.
ކޮންމެ ރަށަކާއި ސިޓީއަކުން ސްޓްއަރިން ކޮމިޓީއެއް ހޮވާއިރު، އާބާދީއަށް ބަލާނެ އެވެ. އެގޮތުން އާބާދީގައި 3،000 މީހުންނަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށްރަށުގައި ހޮވާނީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެކެވެ. އަދި 3،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުންނާއި ސިޓީތަކުގެ ދާއިރާތަކުން ކޮންމެ ދާއިރާއަކަށް ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އިންތިހާބު ކުރާނެ އެވެ.