އާ ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުވައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުވައިފި އެވެ.
މިއަދު ވީއައިއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދެ ތަން ހުޅުވައިދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހުޅުވި ފިއުލް ފާމްގެ ސަބަބުން ފިއުލް ރައްކާކުރެވޭ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުވެގެންދާނެ ކަމަށައި އެއާއެކު މިއީ އެއާޕޯޓުގައި ތެޔޮ ރައްކާކުރުމުގެ ގާބިލުކަން ތިން ގުނަ އިތުރުކޮށްދޭނެ ކަމަށެވެ.
މިއީ ޗައިނާގެ އެގްޒިލް ބޭންކްގެ ލޯން އެހީއާއެކު. މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އިން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ވަނީ 8.4 ކިލޯމީޓަރުގެ ދިގުމިނުގެ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ވެސް ގާއިމުވެސްކޮށްފަ އެވެ.
އެއީ ތެޔޮ ރައްކާކުރާ ތަނުން ފެށިގެން މަތިންދާ ބޯޓުތައް ޕާކުކުރާ ސަރަހައްދާ ހަމައަށް ބިމުގެ އަޑީގައި ގާއިމުކޮށްފައިވާ ވިއުގައެކެވެ. މީގެ ކުރިން ބޯޓުތަކަށް ތެޔޮ އެޅުމަށް މުޅިންވެސް ބޭނުންކުރަމުން އައީ ރިފިއުލަ އެވެ.
އެހެން ނަމަވެސް މިއަދު ހުޅުވި ނިޒާމުގެ ސަބަބުން އެއާ ސައިޓުގައި އުޅަދުތަކުގެ ހަރަކާތްތައް މަދުވެ ސަލާމަތާ ރައްކާތެރިކަން އިތުރުވެ ތެޔޮއެޅުމަށް ހޭދަވާ ވަގުތުވެސް މަދުވެގެން ދާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އަދި އެއާއެކު އަވަސް އަދި ރައްކާތެރިކޮށް މަތިންދާބޯޓުތަކަށް ތެޔޮ އެޅުމުގެ ހިދުމަތް، އެ ނިޒާމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށް ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ ފިއުލް ފާމް އާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ރައީސް މުއިއްޒު ވީއައިއޭ އެކުލަވާލައްވާފައިވާ މާސްޓާ ޕްލޭންގައިވާ ގޮތަށް އޮޕްރޭޝަންސް ފުޅާކޮށް ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގޮތުން، މަތީ ފަންތީގައި ގުނާލެވޭ އެއާޕޯޓަކަށް އެ އެއާޕޯޓް ހެދުމަށްކުރާ ދަތުރު އިތުރަށް ހަލުވިވެގެންދާނެ ކަމަށެވެ.