ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ހިޔާވެހި ފައިނޭންސިން ސްކީމަށް ޝަރުތު ހަމަވާނީ އަޅަން ބޭނުންވާ އިމާރާތުގެ ފްލޯ އޭރިއާގެ 80 އިންސައްތައަކީ މީހުން ދިރިއުޅުމަށް ހާއްސަކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ކަމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.
"ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" ގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ރަށްވެހި، ސަހަރު އަދި ފަހިމާލެ އެވެ.
މި ފައިނޭންސިން ފެސިލިޓީތައް ދިނުމުގައި އަމަލުކުރާނެ މިންގަނޑުތައް ކަނޑައަޅައި މިދިޔަ ހުކުރު ދުވަހު ވަކިވަކިން ގެޒެޓުކުރި އުސޫލުތަކުގެ ތެރެއިން ހިޔާވެހި - ރަށްވެހީގައިވާ ގޮތުން އެ ސްކީމުގެ ދަށުން ގިނަވެގެން ލިބޭނީ އެއް މިލިއަން ރުފިޔާ އެވެ. މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށަކަށް ހާއްސަ ކުރެވިފައިވާ މި ލޯނު ދޫކުރާނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެޗްޑީއެފްސީ) އިންނެވެ. ލޯނު ދޫކުރާނީ ބިމުގެ ރަޖިސްޓްރީ އެ އެޗްޑީއެފްސީގައި ރަހުނު ކުރުމުންނެވެ.
ހިޔާވެހި - ސަހަރު ސްކީމުގެ ދަށުން ތިން މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ހިޔާވެހި - ފަހިމާލެ ސްކީމުގެ ދަށުން ލިބޭނީ ހަ މިލިއަން ރުފިޔާ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. މި ދެ ސްކީމުގައި ލޯނު ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނުވަތަ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ބިމުގެ ނުވަތަ ބިންތަކުގެ ރަޖިސްޓްރީ ފެސިލިޓީ ދޫކުރާ ބޭންކުގައި ރަހުނު ކުރުމުން އެ ބޭންކެއް މެދުވެރިކޮށެވެ.
ހިޔާވެހި - ސަހަރު ސްކީމް ހާއްސަކޮށްފައި ވަނީ އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކަށެވެ. އެގޮތުން ކުރިމަތިލެވެނީ ރާއްޖޭގެ 29 ރަށެއްގެ ރައްޔިތުންނަށެވެ.
މިއިން ކޮންމެ ފައިނޭންސިން ފެސިލިޓީއަކުން ވެސް ފައިދާގެ ގޮތުގައި އިސްލާމިކް ފައިނޭންސިން އުސޫލުގެ ދަށުން ފަސް އިންސައްތަ ފައިދާގެ ގޮތުގައި ނަގާނެ އެވެ. ގްރޭސް ޕީރިއަޑުގެ ގޮތުގައި އެންމެ ގިނަވެގެން ދޭނީ 18 މަސް ދުވަހެވެ. ފެސިލިޓީތައް އަނބުރާ ދެއްކުމުގައި މުއްދަތު ގުނާނީ ގްރޭސް ޕީރިއަޑް ނުހިމަނަ އެވެ.
މި ތިން ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކަށް އަނބުރާ ފައިސާ ދެއްކުމަށް ހުށަހެޅޭނެ އެންމެ ދިގު މުއްދަތަކީ 25 އަހަރެވެ. އެ މުއްދަތު ކަނޑައަޅާނީ ލޯނަށް އެދޭ މިހާގެ އުމުރަށް ބެލުމަށް ފަހު ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.