ތުއްތު ދަރިފުޅު ރޯ ބައެއް ސަބަބުތައް
ތުއްތުކުދިން ރުއިމަކީ އާންމު ކަމެކެވެ. އެއީ ރުއިމަކީ އެކުދިންނަށް ދިމާވާ އެކިއެކި އުނދަގޫތައް މަންމައަށް ނުވަތަ އެނޫން ވެސް މީހަކަށް ބުނެދެވޭނެ ހަމައެކަނި ގޮތް ކަމަށް ވާތީއެވެ. އެކިއެކި ސަބަބުތަކާހުރެ ދަރިފުޅު ރޯއިރު، އެ ދަރިފުޅު ރޯން މެދުވެރިވާ ސަބަބުތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އާއްމުކޮށް ކުޑަދަރިފުޅު ރޯ ސަބަބުތަކަކީ މިއީއެވެ.
ނެޕީ ހަޑިވުން
ކޮންމެ ކޮންމެ ނެޕީއަކީ ފަހަރުގައި ދަރިފުޅުގެ ނާޒުކު ހަންގަނޑާ ގުޅޭނެ ނެޕީއަކަށް ނުވެދާނެއެވެ. ބައެއް ފަހަރު ނެޕީ ބަދަލު ނުކޮށް ގިނައިރު ވުމުން ނުވަތަ ނެޕީ ހަޑިވެ ފޯވުމުން ދަރިފުޅު ރޮއިފާނެއެވެ. އެއީ އެކަމުގެ ސަބަބުން ދަރިފުޅުގެ ހަންގަނޑަށް އުނދަގޫ ވާތީއެވެ.
މާހައުލަށް އަންނަ ބަދަލުތައް
މައިމީހާގެ ރަހިމުގެ ތެރޭގައި ދަރިފުޅު އޮންނައިރު ރަހިމުގެ ފިނިހޫނުމިން ހުންނާނީ ދަރިފުޅަށް އެންމެ އެކަށޭނެ މިންވަރަށެވެ. ނަމަވެސް ދުނިޔެއަށް އުފަންވުމަށް ފަހު ކުއްޖާގެ ހަށިގަނޑަށް ބައެއް ފަަހަރު ބަދަލުތަކެއް އާދެއެވެ. މި ބަދަލުތައް އަންނަނީ ފިނިހޫނު މިނަށް އަންނަ ބަދަލާއި ދަރިފުޅު އުޅޭ މާހައުލަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. އެހެންކަމުން ބައެއް ފަހަރު މި ސަބަބާއި ހުރެ ވެސް ދަރިފުޅު ރޯން މެދުވެރިވެއެވެ.
ބަނޑުހައިވުން
ތުއްތު ދަރިފުޅު އެންމެ ގިނައިން ރޯ އެއްސަބަބަކީ ބަނޑުހައިވުމެވެ. މިފަދަ ހާލަތުގައި އަޑުގަދަކޮށް ރުއިމުގެ އިތުރުން މައިމީހާ ދަރިފުޅު އުރާލުމުން މައިމީހާގެ އުރަމައްޗާ ދިމާލަށް ދަރިފުޅުގެ ބޯ އާއްމުގޮތެއްގައި ގެންދާނެއެވެ. ތުއްތުދަރިފުޅު ބަނޑުހައިވެގެން ރޯނަމަ މައިމީހާގެ ގާތުންދީ ކުއްޖާގެ ބަނޑު ފުރުމުން ރުއިން ހުއްޓާލާނެއެވެ.
ބަލިވުން
ވާހަކަ ނުދެއްކޭ އުމުރުގައި ތުއްތު ދަރިފުޅު ރޯ ސަބަބުތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. މިގޮތުން ގާތުން ދިނުމަށް ފަހު ވެސް ކުއްޖާ ރޯނަމަ އެއީ އާދައިގެ ކަމެއްކަ މުގައި ނުބަލާށެވެ. ފަހަރުގައި އެއީ ކުއްޖާއަށް ބަޔާން ކުރަން ދަތި އުނދަގޫތަކެއް ވަނީ ކަމަށް ވެސް ވެދާނެއެވެ. އެހެންކަމުން ލަސްނުކޮށް ދަރިފުޅުގެ ފިނިހޫނުމިން ބެލުން މުހިންމެވެ. އެެއީ ދަރިފުޅު ރޮނީ ހުން އައިސްގެން ކަމަށްވުން ވެސް އެކަށީގެން ވާތީއެވެ.