މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލް އަރުގަމް ވަގުފް އިމާރާތުގެ ކުރެހުން ތައްޔާރު ކުރުމަށް އީޕޮކް އެސޯސިއޭޓްސް އާ ހަވާލުކޮށްފި އެވެ.
ދާރުލް އަރުގަމް ވަގުފް އިމާރާތުގެ ކުރެހުން ތައްޔާރު ކުރުމުގެ މަސައްކަތް އީޕޮކް އާ ހަވާލުކޮށްފައި ވަނީ އެކަމަށް ޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އީޕޮކް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިސްލާމިކް މިނިސްޓަރު ވިދާޅުވީ އިމާރާތުގެ ކުރެހުން ވީހާވެސް އަވަހަށް ނިންމައި ކުރިއަށް އޮތް އަހަރުގެ ކުރީކޮޅު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މި މަސައްކަތަކީ މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.
އީޕޮކްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި ހަވާލު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.
މި ދައުރުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިއުމަަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫއަކީ ދާރުލް އަރުގަމް މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި އެޅުމަށް ތައްޔާރުވަމުންދާ ދާރުއްސަލާމް ވަގުފް އިމާރާތުގެ މަޝްރޫއެވެ.
މި މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމާލެވުމުން އެ މިނިސްޓްރީގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.