ޚަބަރު

އަލީ ޔޫސުފް އާއި މަރީގެ ދައުރު ހަމަވާތީ ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ (ބްރޯޑްކޮމް) ގެ ރައީސާ, މަރިޔަމް ވަހީދާއާއި އެ ކޮމިޝަންގެ މެންބަރު އަލީ ޔޫސުފްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by STELCO

ސަރުކާރުގެ ގެޒެޓްގައި ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ 2 މެންބަރެއްގެ ދައުރު ހަމަވާތީ ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން އެ މަގާމުގެ ޝަރުތުތައް:

  • މުސްލިމަކު ކަމުގައިވުމާއި 18 އަހަރުވެފައިވާ ދިވެއްސަކަށްވުން.
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން.
  • އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
  • ސިވިލް ސާވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  • ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުން.

ރައީސް އޮފީހުން ބުނީ ބްރޯޑްކޮމްގެ މެންބަރު ކަމުގެ ދެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ފޯމާއި އިގްރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމް އަދި ސީވީ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ފޯމުތަކާއި އިގްރާރު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުލޯން ކުރެވޭނެ ކަމަށާއި އެތަކެތި ބަލައިގަތުން ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12 ޖެހުމާ ހަމައަށް ކަމަށް އެ އޮފީހުން ބުނެ އެވެ.

ޕަބްލިސް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ ބޯޑު މެންބަރެއްގެ މަގާމު އަދާކުރެއްވި މަރިޔަމް ވަހީދާއާއި ރާއްޖެޓީވީގެ ކުރީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް އެ މަގާމަށް އައްޔަންކޮށްފައިވަނީ 5 ޑިސެންބަރު 2019 ވަނަ އަހަރެވެ. އެ ކޮމިޝަންގެ މެންބަރު ކަމުގެ ދައުރަކީ 5 އަހަރެވެ.