ލައިފްސްޓައިލް

ވިސްނުމެއްނެތި ކުރެވޭ އެންމެ ކަމަކުންވެސް މުޅި އުމުރަށް ހިތާމަ ކުރަން ޖެހިދާނެއެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޝައްކެތްވެސް ނެތެވެ. ދިރިއުޅުމަކީ އިމްތިހާނެކެވެ. ދިރިއުޅުމުގެ މި އިމްތިހާނުގައި އަޅުގަނޑުމެންނަށް އެތައް ކަމަކާއި ކުރިމަތިލާން ޖެހެއެވެ. ހިތް ނޭދޭ އެތައްކަމެއް ތަހައްމަލް ކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ މި އިމްތިހާނުން ފާސްވުމަށް ބޭނުންވާ ދެ އެއްޗެއް އަޅުގަނޑުމެންގެ ލޮބުވެތި މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގެންނެވުމުގެ ކުރިން ވަނީ ދޫކުރައްވާފައެވެ. އާދޭހެވެ. އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތެވެ.

Ads by STELCO

މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަ ވަރަށް ނުރަނގަޅު އާދައެކެވެ. އަޅުގަނޑުމެންގެ ތެރޭގައި އުމުރުން ގާތްގަނޑަކަށް 16 އަހަރުގެ ކުދިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތަން ފެނެއެވެ. ނުހަނު ލޯބިން އެކުގައި ވަގުތުތައް ހޭދަކޮށް މީސްމީޑިއާގައި ފޮޓޯތައް ހިއްސާކޮށް އުޅޭ މަންޒަރު ފެނެއެވެ. މައްސަލައެއް ނެތެވެ. އެހެން ނަމަވެސް ދުވަސްކޮޅެއްފަހުން މި ދަންނަވާ 16 އަހަރުގެ ކުއްޖާއާއި އޭނާގެ ލޯބިވެރިޔާއާއި ދެމެދުގަައި މައްސަލަތައް ޖެހެން ފަށައެވެ. ނަތީޖާއަކަށް ވަނީ ކޮންމެވެސް އެކަކު އަނެކާ ދިން ލޯބީގައި ކޮޅުފައިން ޖަހާ ދާ މަންޒަރު ފެނުމެވެ.

ދެން ވާ ގޮތަކީ ތޯއެވެ؟ ލޯބީގައި އާވާރާވެ ލޯބިވެރިޔާއާ ހެދި "މޮޔަ" ވެފައި ހުންނަ މި ދެންނެވި ކުއްޖާ އެކަމާ ދެރަވެއެވެ. ހިތާމަ ކުރުމާއި ރުއިމުގައި ވަގުތުތައް ހޭދަކުރެއެވެ. އެ ނިމުނީއެއް ނޫނެވެ. އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ގޮތުން އަތުގައި ކަޓަރު އަޅާ އެކި ކަހަލަ ބޭސްތައް ކައި، ބުލީޗު ފަދަ ތަކެތި ވެސް ބޮއެ އުޅެއެވެ. ދިރިއުޅުމުގައި ދިމާވާ މުސީބާތްތަކަށް ކެތް ކުރަން ވާނެއެވެ. އެހެން ވުމުން އަދި އެކުގައި އުޅޭ ލޯބިވެރިޔާ ތިބާ ދޫކޮށް ދިއުމުން އަމިއްލަ ނަފްސަށް އަނިޔާ ކުރާކަށް ނުވާނެއެވެ.

މިކަމަކީ ވަރަށް ކުޑަކުޑަ ކަމެއްގެ ގޮތުގައި ތިބާއަށް ހީވެފައި އޮވެދާނެއެވެ. ނަަމަވެސް ލޯބިވެރިޔާ ދޫކޮށް ދިއުމުން ނުވަތަ އެހެން ކަމެއް ކުރިމަތިވުމުން ވެސް މިގޮތަށް ބާރުގަދަ ބޭސްތައް ކައި ނުވަތަ، ބްލީޗު ފަަދަ ތަކެތި ބޮއެ އުޅޭ ނަމަ ދާއިމީ ސިއްހީ މައްސަލަތަކަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އުުމުރަށް ބޭސްފަރުވާ ކުރަންޖެހި ބަލިމަޑުކަމަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

ދިރިއުޅުމުގައި ތިމާ ރުޅިއަންނަ ކަންކަމާ ވެސް ކުރިމަތި ވާނެއެވެ. ނަމަވެސް ރުޅިއަކީ ތިމާއަށް އޭގެ މައްޗަށް ބާރު ފޯރުވަން ނޭނގޭ ނަމަ ވަރަށް ނުރައްކާތެރި އެއްޗަކަށް ވެދާނެއެވެ. ގަދަ ރުޅީގައި ކުރެވޭ ބައެއް ކަންކަމަކީ ތިބާ ފަހުން އެކަމާ ހިތާމަ ކުރަން ޖެހޭ ކަމަކަށް ވެސް ވެދާނެއެވެ. މިސާލަކަށް ވަޒީފާގައި ޖެހޭ މައްސަލައަކުން ވަޒީފާ ދޫކޮށް ގޮސްފިނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެއެވެ. ނުވަތަ އެކަމާ ރުޅިއައިސް ވެރި މީހާއާ ދިމާއަށް އެެއްޗެހި ކިޔުމުން ވެސް ފަހުން ދެރަ ވެދާނެެއެވެ.

ނިކަން ވިސްނާލަބަލާށެވެ. ވިސްނުމެއްނެތި ދިރިއުޅުމުގައި ކުރެވޭ ކިތަންމެ ކުޑަކުޑަ ކަމަކުން ވެސް މުޅި އުމުރަށް ހިތާމަ ކުރަން ޖެހިދާނެއެވެ. ކުރެވޭ ކަމަކުން އެކަންޏެއް ނޫނެވެ. ވިސްނުމެއް ނެތި ބުނެވޭ ބަހަކުން ވެސް މުޅި އުމުރަށް އެކަމާ ހިތާމަ ކުރަން ޖެހޭތަން އާދެއެވެ. އެހެން ކަމުން ކަމެއް ކުރުމުގެ ކުރިން އަދި ބަހެއް ބުނުުމުގެ ކުރިންވެސް އޭގެން ނުކުމެދާނެ ނަތީޖާއާމެދު ރަނގަޅަށް ވިސްނާށެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!