ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ގައުމުގެ ފައިސާ ބޭނުންކުރަން އެއްބަސްވުމެއް
އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާއި ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އިން މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
އެ ފަހުމުނާމާގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަދި އާރުބީއައިގެ ގަވަރުނަރު ޝަކްތިކަންތާ ދާސްއެވެ.
ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެން ވެސް އިގުތިސާދީ މާލީ މުއާމަލާތްތައް ދެގައުމުން އެއްބަސްވާ ގޮތެއްގެ މަތިން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީ އިން ކުރުމަށް އެ ފަހުމުނާމާއިން ބާރުއަޅަ އެވެ.
އެގޮތަށް ހަމަޖެހިގެން ދިއުމުން ދެގައުމުގެ ވިޔަފާރީތަކުން މުދަލާއި ހިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ބައެއްގެ އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދިގެންދާނެ އެވެ.
އަދި އެކަމުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި މި ދެފައިސާ (ދިވެހި ރުފިޔާ-އިންޑިއާ ރުޕީ) ޓްރޭޑްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ. އަދި ގައުމުގެތަކުގެ އަމިއްލަ ފައިސާ ބޭނުންކުރެވޭ ގޮތްވުމުން ހަރަދުކުޑަވެ ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސް ވެގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.
މިއީ އެމްއެމްއޭ އާއި އާރުބީއައިގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ނިންމުމެއް ކަމަށާއި ދެގައުމުގެ މެދުގައި ކުރެވޭ މާލީ މުއާމަލާތްތަކުގައި އަމިއްލަ ފައިސާ ބޭނުންކުރެވުމުގެ ސަބަބުން ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރަށް ފުޅާވުމަށް މަގުފަހިވެ އިގުތިސާދީ ގުޅުންތައް ވަރުގަދަވެގެންދާނެ ކަމަށް ސަރުކާރުން ދެކެ އެވެ.