ލޮކްޑައުން އަށް ފަހު ޗުއްޓީ ހޭދަ ކުރުމަށް ދެވަނަ އަށް އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ

ލޮކްޑައުން އަށް ފަހު ޗުއްޓީ ހޭދަކުރުމަށް ދެވަނަ އަށް އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހޮވިއްޖެއެވެ.
އޮންލައިން ކޮށް ވިސާ ހަމަޖައްސައިދޭ އޮފިޝަލް-އެސްޓަ.ކޮމް ދާދި ފަހުން ނެގި ޕޯލް އަކުން ދައްކާ ގޮތުގައި ލޮކްޑައުން އަށް ފަހު ދަތުރުކުރުމަށް ދެވަނަ އަށް އެންމެ ގިނައިން ގޫގުލް ކޮށްފައިވާ ގައުމަކީ ރާއްޖެއެވެ. ރާއްޖެއަށް ދެވަނަ ލިބިފައިވާއިރު ރާއްޖޭގެ ނަން 1.8 މިލިއަން ފަހަރު ވަނީ ސާޗް ކޮށްފައެވެ.
ގޫގުލް ޕްލޭނާ ބޭނުން ކޮށްގެން އެކުލަވާލި މި ލިސްޓުގެ އެއްވަނައިގައި އޮތީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ އިޓަލީއެވެ. އެގޮތުން 1.94 މިލިއަން ފަހަރު އިޓަލީ ވަނީ ސަރޗް ކޮށްފައެވެ.
މީގެ އިތުރުންވެސް ތައިލެންޑް، ސްޕެއިން އަދި ކެނެޑާ ފަދަ ގައުމުތައް މި ލިސްޓުން ވަނީ ޖާގަ ހޯދާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކެއް ބަންދުކުރުމަށް ފަހު އަލުން މިވަނީ ގައުމުތައް ހުޅުވާލަން ފަށާފައެވެ. އެއާއެކު ގިނަ ދުވަސްތަކެއް ވަންދެން ދަތުރު ނުކުރެވި ގޭގައި ތިބެން ޖެހުނު މީހުން އަންނަނީ އަލުން ދަތުުރުތައް ރާވަން ފަށާފައެވެ.
މި ލިސްޓުގެ ދެވަނައިގައި ރާއްޖެ ހިމެނިފައިވާއިރު، 2019 ވަނަ އަހަރު އެމެރިކާގައި އެންމެ ގިނަ އަދަދެއްގެ މީހުން ޗުއްޓީ ހޭދަކުރުމަށް ގޫގުލް ކުރި ގައުމަކީ ވެސް ދިވެހިރާއްޖެ އެވެ.
ލޮކްޑައުން އަށް ފަހު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި 15 ވަނަ ދުވަހުއެވެ.