ޚަބަރު

11،000 ރިސޯޓު މުވައްޒަފުން ނޯޕޭ ލީވް އަށް ފޮނުވާލައިފި

ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމަށް ސިނާއަތް ދަށަށް ދާން ފެށުމުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 11،000 އެއްހާ މީހުން މުސާރަ ނުހިނގާ ގޮތަށް، ނޯޕޭ ލީވްއަށް ފޮނުވާލާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޮޔާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނެފި އެވެ.

ޓީމް އިން ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ އެ ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި ތިބި މުވައްޒަފުން ނޯޕޭއަށް ފޮނުވާލި ރިސޯޓުތަކާއި މުވައްޒަފުންގެ މުސާރަ ދަށްކުރި 58 ރިސޯޓު ހިމެނޭ ލިސްޓެއް ހިއްސާކޮށްފަ އެވެ.

އެ ޖަމިއްޔާއިން ބުނީ މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި މި މައްސަލަ ކަމާބެހޭ ފަރާތްތަކާ ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމަކީ، ވަޒީފާދޭ ފަރާތްތަކުން މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރަން އޮތް ހުއްޖަތެއް ނޫން ކަމަށް ވެސް ޓީމުން ބުންޏެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނީ މުސާރަ ދަށްކޮށް ނޯޕޭއަށް ފޮނުވި ނަމަވެސް ރިސޯޓުން ފައިބައިގެން ނުދިއުމަށާއި އަސާސި މުސާރަ ލިބޭނެކަމުގެ ޔަގީންކަން ހޯދައިގެން ނޫނީ ރިސޯޓުން ނުދިއުމަށް ރިސޯޓުތަކުގެ މުވައްޒަފުންނަށް ގޮވާލާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!