ޚަބަރު ސަރުކާރު

ދުންފަތުގެ ސަބަބުން ކޮންމެ ދެ ދުވަހުން އެއް ދުވަހު ރާއްޖޭގައި މީހަކު މަރުވޭ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ދުންފަތާ ގުޅުންހުރި ބަލިތަކުގައި ކޮންމެ 2 ދުވަހުން 1 ދުވަހު ރާއްޖޭގައި މީހަކު މަރުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

Ads by STELCO

ދުންފަތް ކޮންޓްރޯލު ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލަތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން ވަނީ މަނާކޮށްފަ އެވެ.

އަދި ހިނގަމުން މިދާ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލަތްތަކާއި އެ އެއްޗެއްސާ އެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުމަކީ މަނާ ކަމެއް ކަމުގައި ވަނީ ނިންމާފަ އެވެ.

ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނުގެ ދަށުން ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 21 އަހަރު ވެފައިވާ މީހެއްކަން ޔަގީން ކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމުގައި ކަނޑައަޅާފަ އެވެ. އޭގެ އިތުރުން ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި އަދި އެތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލާއިރު، އާންމުކޮށް ނުފެންނާނެހެން ބެހެއްޓުމަށް ގާނޫނުގެ ދަށުން ލާޒިމުކުރެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ބުނީ ރާއްޖޭގައި ގައިންގަޔަށް ނާރާ  ބަލިތައް އިތުރުވަމުން އަންނަ ކަމަށެވެ. ދުންފަތަކީ އެ ބަލިތަކަށް ހުށަހެޅޭ މައިގަނޑު ސަބަބު ކަމަށެވެ.

ރާއްޖޭގައި އެންމެ ގިނައިން މީހުން ބަލިމަޑުކަމާއި ނުކުޅެދުންތެރި ކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީ ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތަށް ހުށަހެޅުން ކަމަށެވެ.

އެޗްޕީއޭއިން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސީދާ ދުންފަތުގެ ސަބަބުން އަހަރަކު 172 މީހުން މަރުވެ އެވެ. ދުންފަތާ ގުޅުންހުރި ބަލިތަކުގައި ކޮންމެ 2 ދުވަހުން 1 ދުވަހު ރާއްޖޭގައި މީހަކު މަރުވެ އެވެ.

"ހަގީގަތުގައި މިއީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައަށް ވިސްނާލައިފި ކަމުގައިވާ ނަމަ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭވަރުގެ ބޮޑު އަދަދެއް،"

އެންމެފަހުން ހެދިފައިވާ ސްޓެޕް ސާވޭގެ ނަތީޖާތަކުން ފެންނަ ގޮތުގައި މުޖުތަމައުގެ ކޮންމެ 4 މީހަކުން އެކަކަކީ ދުންފަތުގެ އިސްތިއުމާލު ނުވަތަ ކޮންމެވެސް ގޮތަކަށް ދުންފަތް ބޭނުންކުރާ މީހުން ކަމަށް އެޗްޕީއޭއިން  ބުންޏެވެ. އެއީ 25.7 އިންސައްތަ މީހުން ކަމަށާއި އެ މީހުންގެ ތެރެއިން؛

  • 15 - 29 އަހަރާ ދެމެދުގެ: 20.1 އިންސައްތަ
  • 30 - 44 އަހަރާ ދެމެދު: 29.0 އިންސައްތަ
  • 45 - 65 އަހަރާ ދެމެދު: 23.4 އިންސައްތަ

އެޗްޕީއޭއިން ބުނި ގޮތުގައި ދުންފަތް އެންމެ ގިނައިން ބޭނުންކުރާ އުމުރުފުރައިގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުންނަކީ އެންމެ ގިނައިން މަސައްކަތްކުރާ އުމުރުފުރައިގެ މީހުން ކަމުގަ އެވެ. އެ އުމުރުފުރައިގެ މީހުން ބޮޑެތި ބަލިތަކަށް ހުށަހެޅޭ ހިރާސްތަކުގެ ތެރޭގައި އުޅޭނަމަ އެކަމުގެ އަސަރު ގައުމުގެ އުފެއްދުންތެރި ކަމަށް ކުރާނެ ކަމުގަ އެވެ.

ރާއްޖޭގައި 2019 ވަނަ އަހަރު ކުރެވުނު ގްލޯބަލް ޔޫތް ސާވޭގެ ނަތީޖާތަކަށް އަލިއަޅުވާލާ އެޗްޕީއޭއިން ބުނީ ސާވޭގައި ބައިވެރިވި ކުޑަކުދިންގެ ތެރެއިން 45.7 އިންސައްތަ ކުދިންނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ދުންފަތުގެ ކޮންމެވެސް ބާވަތެއް ބޭނުންކޮށްފައިވާ ކުދިން ކަމަށެވެ. އެ ސާވޭގައި ބައިވެރިވި 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 17.1 އިންސައްތަ ކުދިންނަކީ އީ-ސިނގިރޭޓު ބޭނުންކޮށްފައިވާ ކުދިން ކަަމަށެވެ. އޭގެ އިތުރުން 3.1 އިންސައްތަ ކުދިންނަކީ ޝީޝާ ބޭނުންކޮށްފައިވާ ކުދިންކަން ވެސް އެ އެޖެންސީން ފާހަގަކުރި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!