އާންމުންގެ ބޭނުންތަކަށް އިސްކަންދީގެން ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީ ކުރަނީ
                                                        އާންމުންގެ ބޭނުންތަކަށް އިސްކަންދީގެން ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ ގަލޮޅު ސިޓީ ޕާކު ތަރައްގީ ކުރުމަށް، ޕާކުގެ ވަށައި ޓިނު ޖަހައި ބަންދުކުރުމަށް ފަހު 15 އަހަރު ފާއިތުވެ ދިޔައިރު ވެސް އެތަނުގެ އެއްވެސް މަސައްކަތެއް ނުކޮށް އޮތުމުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް އެތަންވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ތަފާތު އުނދަގޫތައް ވަމުންދާތީ، އެކަމުގެ ޝަކުވާތައް ކެނޑިނޭޅި ލިބެމުންދާ ކަމަށެވެ.
އެކަމާ ގުޅިގެން މިދިޔަ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު، މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމުގެ އިސްނެންގެވުގެ މަތިން ސިޓީ ޕާކުގައި ވަށައިގެން ޖަހާފައި ހުރި ޓިނުތައް ނައްޓާލައި އެތަން ސާފުކޮށް، ކޮންމެވެސް ވަރަކަށް އާބަތުރަ ފިލުވާފައިވެ އެވެ.
ކައުންސިލުން ބުނި ގޮތުގައި އެއްވެސް ބޭނުމެއް ނުހިފި ވީރާނާވަމުން ދިޔަ ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީ ކުރަނީ އެތަނުގައި ޖާގަ އޮތް މިންވަރަކުން އާންމުން ބޭނުންވާ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދީގެން ކަމުގަ އެވެ. އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ގަލޮޅުގައި އޮންނަ ހަމައެކަނި ޕާކު ތަރައްގީ ކުރަނީ:
- ތްރީ އޮން ތްރީ ބާސްކެޓް ކޯޓެއް
 - އައުޓްޑޯ ބެޑްމިންޓަން ކޯޓެއް
 - ދުވާ ޓްރެކެއް
 - ކުޑަކުދިން ކުޅޭނެ ހުސް ބިމެއް
 - އައުޓްޑޯ ޖިމެއް
 - އިވެންޓް ބޭއްވުމަށް ހާއްސަ ސަރަހައްދެއް
 - އުމުރުން ދުވަސްވީ މީހުން މަޑުކޮށްލައިގެން ތިބުމަށް އުނދޯލި ބަހައްޓައިގެން ތައްޔާރުކޮށްފައިވާ ހާއްސަ ސަރަހައްދެއް
 
ގަލޮޅު ސިޓީ ޕާކު ތަރައްގީ ކުރުމަކީ މާލެ ސިޓީއަކީ ހިތްފަސޭހަ، އަމާން، ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅާލައި، އޯގާތެރި ރައްޔިތަކު ދިިރިއުޅޭ ސިޓީއަކަށް ހެދުމަށް މޭޔަރު އާޒިމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރާ މަސައްކަތެއް ކަަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
  
 
            
                    
            
                    
            
                    
            
                    