ބަރުދަން ލުއި ކުރުމަށާއި ހަންގަނޑު އަލިކޮށް އުޖާލާކޮށްލުމަށް ފާގަ ދިޔަ ވަރެއް ނެތް!
ފާގަ އަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ވެސް ހައްދާ އެއްޗެކެވެ. ގިނަ ބަޔަކަށް އެއީ ތަކުރާރީއެއް ކަމުގައި ހީވެފައި އޮތަސް އަސްލު ފާގަ އަކީ މޭވާއެކެވެ. ފާގަ އަކީ ހިތިއެއްޗެއްކަމުން މީހުން ފާގަ ބޭނުންކޮށް ވަރަށް ނޫޅެއެވެ. އެހެން ނަމަވެސް ފާގަދިޔަ އަކީ ސިއްހީ އެތައް ފައިދާތަކެއް އޭގައި އެކުލެވޭ އެއްޗެކެެވެ.
އެގޮތުން ފާގައިން ލިބޭ ބައެއް ސިއްހީ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.
ހަކުރުބައްޔަށް ފަރުވާއެއް
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގައި ހަކުރުބަލި ތަހައްމަލު ކުރަމުންދާ 382 މިލިއަން މީހުން އެބަ އުޅެއެވެ. ފާގަ ދިޔާގައި ހުންނަ މާއްދާއެއް ކަމަށްވާ ޕޮލީޕެޕްޓައިޑްގެ ސަބަބުން ހަކުރުބަލި ހުންނަ މީހުންނަށް ފަރުވާ ލިބެއެވެ.
ގަވައިދުން 2000 މިލިގްރާމް ފާގަ ދިޔަ ބޭނުންކުރާ ކަމުގައިވަނީނަމަ "ޓައިޕް 2 ޑައިބެޓިކްސް" ހުންނަ ފަރާތްތަކަށް ފަރުވާ ލިބިގެންދެއެެވެ. އެއީ އޭގެ ސަބަބުން ލޭގެ ގުލްކޯޒް ލެވެލް ދަށް ކޮށްދޭތީއެެވެ.
ކްލޮސްޓްރޯލް ލެވެލް ދަށް ކޮށްދޭ
އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ ޑރ.އަންޖޫ ސޫދު ވިދާޅުވާ ގޮތުގައި ފާގަ ދިިޔަ ބޭނުން ކުރުމުން ހަށިގަނޑުގައި ކްލޮސްޓްރޯލް ލެވެލް ދަށް ކޮށްދެއެވެ. އޭގެ ސަބަބުން ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ. އަދި ހަމަ އެހެންމެ ފާގަދިޔަ ބޭނުން ކުރުމުގެ ސަބަބުން ލޭގެ ޕްރެޝަރު މިންގަނޑު ރަނގަަޅު ވަރެއްގައި ދަމަހައްޓައިދެއެވެ.
ފާގަ ދިޔައިގައި ހިމެނޭ ދަގަނޑުގެ މާއްދާއާއި ފޮލިކް އެސިޑްގެ މާއްދާގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމަށެވެ.
ހަންގަނޑު އަލިކޮށްދީ އުޖާލާކޮށްދޭ، އިސްތަށިގަނޑު ވަރުގަދަ ކޮށްދޭ
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޑޮކްޓަރެެއް ކަމުގައިވާ ޑރ. ސިމްރަން ޝައިނީ ވިދާޅުވާ ގޮތުގައި ފާގަދިޔައިގައި ހިމެނޭ ވިޓަމިން އޭ އާއި ވިޓަމިން ސީގެ ސަބަބުން ޒުވާންކަންމަތީ ގިނަ ދުވަހު ހަންގަނޑު ދެމިހުރެއެވެ. އަދި ހަމަ އެހެންމެ ހަންގަނޑުގައި ބިހިނެގުން ވެސް މަދުކޮށްދީ އިރުގެ ނުރައްކާތެރި ދޯދިތަކުން ހަންގަނޑު ސަލާމަތް ކޮށްދެއެވެ.
ފާގަދިޔަ އިސްތަށިގަނޑުގައި ގަވައިދުން ހާކާ ނަމަ އިސްތަށި ފޭބުން މަދުކޮށްދީ ނުރަޖެހުން ވެސް މަދުކޮށްދެއެވެ. އަދި އިސްތަށިގަނޑު އޮމާން ކޮށްދީ ބޮލުގައި ހަންފޮޅުން ވެސް ފާގަދިޔަ ބޭނުން ކުރުމުން މަދުކޮށްދޭ ކަމަށްވެއެވެ.
ބަރުދަންވެސް ލުއި ކޮށްދޭ
ފާގައަކީ އޭގައި ފެޓްސް، ކެލޮރީސް އަދި ކާރބޯހައިޑްރޭޓްސް ވަރަށް މަދު އެއްޗެކެވެ. މި މާއްދާތަކަކީ މީހާ ފަަލަވުމަށް އެންމެ ބޮޑަށް މެދުވެރިވާ މާއްދާތަކުގެ ތެރެެއިން މާއްދާތަކެެކެވެ. އެހެން ކަމުން ފާގަ ކެއުމުން ނުވަތަ ފާގަ ދިޔަ ބުއިމުގެ ސަބަބުން ބަރުދަން ލުއިވުމަަށް އެހީތެރިވެދެއެވެ. ސަބަބަކީ ފާގަ ދިޔަ ބޭނުން ކުރުމުގެ ސަބަބުން ފެޓް ސެލްތައް މަދުކޮށްދީ އަދި އިތުރު ފެޓް ސެލްތައް އުފެދުމުގެ ފުރުސަތު ކުޑަކޮށްދޭތީއެވެ.
ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ
ފާގަދިޔަ އަކީ ހަށިގަނޑުގައި އުފެދޭ ވައިރަސް އާއި ބެކްޓީރިއާ މަދުކޮށްދީ އިންސާނާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ އެއްޗެކެވެ. އެކި ކަހަލަ އެލާޖީތަކުން މީހާ ސަލާމަތް ކޮށްދީ ހަޖަމު ކުރުމުގެ ނިޒާމުގައި ޖެހޭ މައްސަލަތައްވެސް ކުޑަކޮށްދެއެެވެ.
ފާގަދިޔަ ބޭނުން ކުރުމުން އެކި ކަހަލަ ބަލިތަކުން މީހާ ސަލާމަތް ކޮށްދެއެވެ. އެގޮތުން އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ކެންސަރުބަލިން ރައްކާތެރި ކޮށްދިނުމަށް ވެސް ހަމަ ފާގަ ދިޔަ ވަރެއް ނެތެވެ.
ލޮލަށްވެސް ފައިދާހުރި އެއްޗެއް
އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އަންޝޫ ޖެއި ބާރަތު ވިދާޅުވާ ގޮތުގައި ފާގަ ދިިޔައިގައި ހިމެނޭ ވިޓަމިން އޭ ގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދެއެވެ، އަދި ލޮލުގެ ކައިރީގައި ކަޅުވެފައި ހުންނަ ތަންތަންވެސް އަލިކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާގަ ދިޔައަކީ ސިއްހަތަށް ނުހަނު ފައިދާ ހުރި އެއްޗެއްކަން ޔަގީނެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަ ބީދައިން ފާގަ ދިޔަ ބޭނުން ކުރުމުގައިވެސް ހައްދު ފަަހަނައަޅައި ގޮސްގެން ނުވާނެއެވެ. މާގިނައިން ފާގަދިޔަ ބޭނުން ކުރާ ކަމުގައި ވަނީ ނަމަ ބަނޑަށް އެކިކަހަލަ ތަދު އެރުމާއި ބޭރަށް ހިންގުން ފަދަ ބަލިތަކަށް މީހާ ހުށަހެޅިގެން ދާކަމަށްވެއެވެ. އަދި ފާގަދިޔައަކީ މާބަނޑު މީހުން ބޭނުން ކުރަން އެންމެ ރަނގަޅު އެއްޗެއް ނޫނެވެ. ސަބަބަކީ މާގިނައިން މާބަނޑު ދުވަސްވަރު ފާގަ ދިޔަ ބޭނުން ކުރާނަމަ ބަނޑުގައި އޮންނަ ދަރިފުޅުގެ ހެދިބޮޑުވުމަށް އަސަރުތައް ކޮށް ވިހެއުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެތީއެވެ.
އެހެންކަމުން އެދެވިގެންވާ ގޮތަކީ ދުވާލެއްގެ މައްޗަށް ގިނަވެގެން 30 މިލިލީޓަރުގެ ފާގަދިޔަ ބޭނުން ކުރުންކަމުގައި ސިއްހީ މާހިރުން ލަފާދެއެވެ.