މޯލްޑިވިއަނުން ޗައިނާގެ ހަތަރު ސިޓީއަކަށް އަންނަ ޖެނުއަރީ މަހު ދަތުރުތައް ފަށަނީ

ގައުމީ އެއާލައިން، މޯލްޑިވިއަންއިން ޗައިނާގެ 4 ސިޓީއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި މިއަދު ވިދާޅުވީ މޯލްޑިވިއަންއިން ޗައިނާއަށް ދަތުރުތައް ފަށާނީ އަންނަ ޖެނުއަރީ މަހު އެވެ.
އަދި އެ ދަތުރުތައް ފަށާނީ ވައިޑް ބޮޑީ އެއާކްރާފާޓާ އެކު ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަތުރުތައް ފަށަން ނިންމާފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިން، ޝަންގްހާއީ އަދި ޗެންދޫގެ އިތުރުން ޒިއާން އަށް ކަމަށެވެ.
އެއީ ޗައިނާގެ އެންމެ އާބަން ސަރަހައްދުތައް ވެސްމެ އެވެ. އެހެންވެ މި ސަރަހައްދުތަކުން ރާއްޖެއަށް ޗައިނާގެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނެ ކަމަށް ބެލެވެ އެވެ.
މިހާރު ރާއްޖެއަށް ޗައިނާއިން ދަތުރުތައް ބާއްވަނީ އެ ގައުމުގެ އެއާލަންތަކުން ނެވެ.
ޗައިނާގެ އިތުރުން މޯލްޑިވިއަންއިން ވަނީ ވައިޑް ބޮޑީ އެއާ ކްރާފްްޓްތަކުގައި ޔޫރަޕްއަށް ވެސް ސީދާ ދަތުރުތައް ފަށަން ނިންމައިފަ އެވެ.
އެހެން ނަމަވެސް ޔޫރަޕްއަށް ދަތުރުތައް ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
މޯލްޑިވިއަންއިން އަދި ދަތުރުތައް ބާއްވަނީ ބޭރު ގައުމުތަކުގެ ތެރެއިން އިންޑިއާ، ލަންކާ އަދި ބަންގުލަދޭޝް އަށް އެކަންޏެވެ.